ފެންނަ ނުފެންނަ ވޯޓުގެ މައްސަލާގެ ހުކުމް އިއްވުން މާދަމާއަށް ތާވަލު ކޮށްފި
ދެންމެ | 30 މާރޗް 2026

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގެ ހުކުމް މާދަމާ އިއްވަން ތާވަލްކޮށްފި އެވެ.

ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ފެންނަ ނުފެންނަ ވޯޓު ނެގުމަށް ނިންމާފައިވަނީ އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު އެވެ.

ގާނޫނީ ވަކީލުން ކަމަށްވާ އިބްރާހިމް ޝިޔާމް އާއި އައިކު އަހުމަދު އީސާގެ ފަރާތުން އެ މައްސަލަ ހުށަހެޅީ އެ ވޯޓުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެރެފައިވާ ރައީސްގެ ގަރާރުގައި އޮތް ސުވާލަކީ ގާނޫނު އަސާސީއާ ހިލާފް ސުވާލެއް ކަމަށް ބުނެ އެވެ.

އެ މައްސަލާގެ އަޑުއެހުންތައް މިދިޔަ ހަފުތާގައި ނިންމާލުމަށްފަހު އެ މައްސަލާގެ ހުކުމް އިއްވަން ތާވަލްކޮށްފައިވަނީ މާދަމާ މެންދުރަށެވެ.

ސުޕްރީމް ކޯޓުގައި އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އަބްދުالله ހަމީދު އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ.

ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ހުށަހެޅި އެހެން މައްސަލަތައް ބަލައިނުގަތުމަށް އޮތީ ނިންމައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!