މިއަދު ކުރިޔަށްދާ އިންތިހާބުގައި ތިން ވޯޓް ފޯށި ބަހައްޓާފައިވާއިރު އޮޅިގެން ނުބައި ފޮއްޓަށްލެވޭ ވޯޓް ކަރުދާސްކޮޅު ބާތިލިވެގެން ނުދާނެކަމަށް އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އަބްދުއްރަހްމާން ސަލާހްް ރަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު 2026 ގައި ވޯޓް ލުމަށް ތިން ފޮއްޓެއް ވަނީ ބަހައްޓާފައެވެ.
އެގޮތުން ވޯޓް ކަރުދާސްކޮޅުގައި ފާހަގަ ޖެހުމަށްފަހު ކަރުދާސްކޮޅު ވައްޓާލަން ޖެހެނީ އެކަމާއި ގުޅޭ ވޯޓް ފޮއްޓަކަށެވެ.
އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އަބްދުއްރަހްމާން ސަލާހްް ރަޝީދު ވިދާޅުވީ އިނތިހާބާއި ބެހޭ ޝަކުވާ ކޮމެޓީއަށް މިހާތަނަށް 10 ޝަކުވާއެއް ލިބިފައިވާކަމަށެވެ. އޭގެތެރޭގައި މަނާ ވަގުތު ކެމްޕެއިން ކުރިކަމިގެ ޝަކުވާތަކާއި ނުބައި ފޮއްޓަކަށް ވޯޓް ކަރުދާސްކޮޅު ވައްޓާލުމުން ވޯޓް ބާތިލުވެދާނޯ އަހާ ހުށައަޅާފައިވާ ޝަކުވާ ހިމެނޭކަމަށް ސަލާހް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އޮޅިގެން ނުބައި ފޮއްޓަކަށް ވޯތް ކަރުދާސްކޮޅު ލެވުނު ނަމަވެސްް އެ ވޯޓް ބާތިލު ނުވާނެކަމުގެ ޔަގީންކަން ކޮމިޝަނުންް ދޭ ކަމަށެވެ.
“ އަޅުގަނޑުމެން ދަންވާލަން ބޭނުންވާ ވާހަކައަކީ އެބޭފުޅަކު ހަމަ އެ ވޯޓލީ ގޮތަކަށް އަޅުގަނޑުމެން އެ ވޯޓެއް ކައުންޓް ކޮށްދޭނަމޭ. އެގޮތަށް ފޮށި އޮޅިގެން ބާތިލެއް ނުވާނެ. އަޅުގަނޑުމެންގެ ކައުންޓާ ފޮއިލާ ދިމާކުރުމަށްޓަކާއި ހަމަ ތިން ފޮށިވެސް ކަނޑައިގެން ނަތީޖާ ދިމާކުރަން ޖެހޭއިރު އެހެން ފޮއްޓަކަށްވެސް ލެވިފައިވާ ކަރުދާސްކޮޅު ނަގައިގެން އެ ނަތީޖާ ދިމާކުރުމުގައި ބޭނުންކުރާނެ. އެހެންވީމާ އެކަން ޔަގީން ކުރައްވާށޭ. ފޮށި އޮޅިގެން ކަރުދާސްކޮޅެއް ވައްޓާލެވިއްޖެއްޔާ އެ ކަރުދާސްކޮޅު ބާތިލުވީކަމަކަށް ކޮމިޝަނަކުން ނުނިންމާނެ.“ އީސީގެ ނައިބު ރައީސް ސަލާހް ވިދާޅުވިއެވެ.
މިއަދު ކުރިއަށްދާ ދެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ވޯޓުލުމުގެ ހައްގު 294،937 މީހުންނަށް ލިބެއެވެ.



