އައްމަޓީގެ މައްޗަށް ދައުވާ ސާބިތު ނުވި މައްސަލަ އިސްތިއުނާފު ކުރަން ނިންމައިފި
ދެންމެ | 09 އޭޕްރިލް 2026

ހުޅުމާލޭގައި 3000 ހައުސިންގ ޔުނިޓް އެޅުމަށް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑް އާ ދެމެދު ވެވުނު އެއްބަސްވުމުގައިވާ މުއްދަތަށް މަސައްކަތް ނުނިންމާ، އެކަމަށް ހަވާލުކުރި ފައިސާއަށް ޚިޔާނާތްތެރިވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ސީލައިފް ގްލޯބަލްގެ މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު މޫސާ މުޙައްމަދު (އައްމަޓީ) ގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ ސާބިތު ނުވުމުން، އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަޅާފައިވަނީ، 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތު)ގެ 215 މާއްދާގެ (ހ) އާއި (ށ) އަށް ރިޢާޔަތްކޮށް، ޚިޔާނާތްތެރިވުމުގެ 42 މައްސަލައެއް އެކުގައި، 30 މެއި 2021 ވަނަ ދުވަހުއެވެ.

ދައުވާ ސާބިތުނުވާ ކަމަށް ކޯޓުން ނިންމި މައިގަނޑު ސަބަބުގެ ގޮތުގައި ޕީޖީ އޮފީހުން ނެރުނު ނޫސްބަޔާނުގައި ފާހަގަކޮށްފައިވަނީ، މި ދަޢުވާތަކަކީ މަދަނީ ޠަބީޢަތުގެ ދަޢުވާތަކެއް ކަމަށާއި، އަޙްމަދު މޫސާ މުޙައްމަދުގެ މި އަމަލުތަކާ ގުޅިގެން ފިޔަވަޅު އަޅަންޖެހޭނީ މަދަނީ ޢަދުލުގެ ނިޒާމުގެ ތެރެއިން ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރަށް ފެނިވަޑައިގަތުމެވެ.

ނަމަވެސް، މި ދައުވާތަކަކީ ޤާނޫނުލް ޢުޤޫބާތުގެ 215 ވަނަ މާއްދާގައި ބަޔާންކުރާ ޚިޔާނާތުގެ ކުށުގެ އުންސުރުތައް ފުރިހަމަވާ ދައުވާއެއް ކަމަށް ޕީޖީ އޮފީހަށް ފެންނަކަމަށް، އެ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި، މިއީ މަދަނީ ޠަބީޢަތުގެ މުޢާމަލާތެއް ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ކޯޓަށް ހުށަހެޅި ހެކިތަކަށް އެކަށީގެންވާ މިންވަރަށް ރިއާޔަތްކުރުމެއް ނެތި ކަމަށާއި، ޤާނޫނުގައި ޚިޔާނާތުގެ ކުށް ބަޔާންކޮށްފައިވާ ގޮތަށް ރަނގަޅު ނޫން މާނަކުރުމެއް ދީގެން ކަމަށްވެސް ގަބޫލުކުރާކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!