ނަންބަރު ބޯޑު ރަނގަޅު ނުކުރާނަމަ ފިޔަވަޅު އަޅާނަން: ފުލުހުން
ދެންމެ | 21 ސެޕްޓެމްބަރ 2022

ނަންބަރު ބޯޑު ރަނގަޅު ނުކުރާ ފަރާތްތަކާމެދު އަންނަމަހުން ފެށިގެން ފިޔަވަޅު އަޅަމުންދާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ.

ފުލުހުން ބުނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑު، ޤަވާއިދާ އެއްގޮތަށް ބޭނުންކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން އެންގުމާއި ގުޅިގެން ގަވާއިދުގައިވާ ގޮތުގެ މަތިން ނަންބަރު ބޯޑު ރަނގަޅު ނުކުރާ ފަރާތްތަކާމެދު ފުލުހުން ފިޔަވަޅު އަޅަމުންދާނެކަމަށެވެ.

އެގޮތުން 2022 އޮކްޓޯބަރ 1 ވަނަ ދުވަހާ ހަމައަށް ނަންބަރު ބޯޑުގައި ރަނގަޅު ކުރަން ހުރި ކަންކަމާ ގުޅޭގޮތުން ފުލުހުން ނަސޭހަތްތެރިވަމުން ދާނެކަމަށް ފުލުހުން ބުނެއެވެ. އަދި އޮކްޓޯބަރު 1 ވަނަ ދުވަހުން ފެށިގެން ނަންބަރު ބޯޑު ރަނގަޅު ނުކުރާ ފަރާތްތަކާ މެދު ގަވާއިދުން ފިޔަވަޅު އަޅަމުންދާނެކަމަށްވެސް ފުލުހުން ބުނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެއްގަމުގައި ދުއްވާ އިންޖީނުލީ ބައެއް އުޅަނދުތަކުގައި ހަރުކޮށްފައި ހުންނަ ނަންބަރު ބޯޑު ހަދާފައި ހުންނަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުން ބާރުލިބިގެން އެކުލަވާލާފައިވާ ”އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދު“ ގެ 8 ވަނަ މާއްދާ އާއި އެ ގަވާއިދުގެ 9 ވަނަ މާއްދާގައިވާ ފަދައިން ނޫންކަން ފާހަގަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!