ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރިހަމަކުރެއްވުމަށްފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން ސިޔާސީ މަސައްކަތްތަކަށް ރާއްޖެ ވަޑައިގެންފިއެވެ.
ނަޝީދު ރާއްޖެ ވަޑައިގަތީ މިދިޔަ އަންގާރަ ދުވަހުއެވެ. ރާއްޖޭގެ ސިޔާސީ މައިދާނާ ދުރަށް ވަޑައިގެން، ތިމާވެށީގެ މަސައްކަތްތަކަށް ހާއްސަ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ ސީވީއެފް ހިންގެވުމާ ނަޝީދު ހަވާލުވެވަޑައިގެންނެވީ، އެމްޑީޕީގެ ވޭތުވެދިޔަ ދައުރުގެ ވެރިކަން ނިމުމާއެކު 2023 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ.
އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށްޓަކައި، އެ ޖަމިއްޔާގެ ރިޔާސަތު ބަލަހައްޓާ ގާނާއަށް ޖެނުއަރީ 2024 ގައި އެ މަނިކުފާނު ވަގުތީ ގޮތުން ދިރިއުޅުން ބަދަލުކުރެއްވިއެވެ. ސީވީއެފްގެ ވެބްސައިޓުގައިވާ ގޮތުން ސެކްރެޓަރީ ޖެނެރަލްގެ ދައުރަކީ ތިން އަހަރު ދުވަހެވެ.
އަލުން ސިޔާސީ މަސައްކަތްތަކަށް އެނބުރި ވަޑައިގަންނަވާކަމުގެ އިޝާރާތެއް ދެއްވަމުން، ނަޝީދުގެ ނުރަސްމީ އެކްސް އެކައުންޓުން ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ”ހުރިހާ ބޭފުޅުން ވެސް އެނބުރި ހާއްޔަށް އަންނަން ތައްޔާރު ވެލައްވާ“ ކަމަށެވެ.
ގާނާގައި ދިރިއުޅުއްވި ދުވަސްވަރުވެސް ނަޝީދު ވަނީ ދޭތެރެދޭތެރެއިން ރާއްޖެ ވަޑައިގެން، އެ މަނިކުފާނު އޭރު އުޅުއްވި ”ދަ ޑިމޮކްރެޓްސް“ގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައެވެ.
ނަމަވެސް، މިދިޔަ އަހަރުގެ ތެރޭގައި އެ މަނިކުފާނު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. ސިޔާސީ މަސައްކަތަށް ނަޝީދު އެނބުރި ވަޑައިގެންނެވިއިރު، އެމްޑީޕީގެ ގައުމީ މަޖިލީހުން އެ މަނިކުފާނަށް ޖާގަ ލިބޭ ގޮތަށް އެ ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ގެނައުމަށް ވަނީ ފާސްކޮށްފައެވެ.
މި އިސްލާހަކީ ކުރީގެ ރައީސުންނަށް ޕާޓީގެ ގައުމީ މަޖިލީހުން ފުރުސަތު ދިނުމަށް ގެނެވޭ ބަދަލެކެވެ. ރައީސް ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގައުމީ މަޖިލީހުގެ މެންބަރުކަން ދިނުމަށް ނިންމާފައިވަނީ ދެން އެންމެ އަވަހަށް ބާއްވާ ކޮންގްރެސްއެއްގައެވެ.
މީގެ އިތުރުން، އެމްޑީޕީގެ އެތެރޭގެ ހިންގުމާ ގުޅޭ ކަންކަމުގައި ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްއަފޫރު މޫސާ (ގަޕޯ) އަށް ލަފާދޭނެ ވަގުތީ ކޮމިޓީއެއް މި މަހުގެ 11 ވަނަ ދުވަހު ވަނީ އެކުލަވާލާފައެވެ.



