އިޒްރޭލާއި ލުބްނާނާ ދެމެދު ކުރިއަށްދިޔަ ނުރައްކާތެރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމާ ގުޅިގެން، ދުނިޔޭގެ އިގްތިސާދީ އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި ވިޔަފާރި ކުރުމަށްޓަކައި އީރާނުން މުޅިން ހުޅުވާލައިފިއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ މިއަދު އިއުލާން ކުރެއްވި ގޮތުގައި، ހަނގުރާމަ ހުއްޓާލުމަށް ކަނޑައަޅާފައިވާ 10 ދުވަހުގެ މުއްދަތުގެ ތެރޭގައި ހުރިހާ ވިޔަފާރި އުޅަނދުތަކަކަށް ވެސް އެ ކަނޑުމަގުން ދަތުރުކުރުމުގެ ފުރުސަތު އޮންނާނެއެވެ.
މި ނިންމުމަކީ ސަރަހައްދީ ހަމަޖެހުމަށާއި ބައިނަލްއަގުވާމީ ވިޔަފާރިއަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި މުހައްލިލުން ދެކެވަޑައިގަންނަވައެވެ.
”ލުބުނާނުގައި އިޢުލާންކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން، ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުފަހަރަށް، ހަނގުރާމަ ހުއްޓާލާފައިވާ މުއްދަތުގެ ބާކީ އޮތް ބައިގައި އެއްވެސް ހުރަހެއް ނެތި ދަތުރުކުރުމުގެ ފުރުޞަތު މިހާރު ވާނީ މުޅިން ހުޅުވާލެވިފައި“ އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ
ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ހަކަތައިގެ ބާޒާރުގެ ނާރެހެވެ. ދުނިޔޭގައި ބޭނުންކުރާ ތެލާއި ލިކުއިފައިޑް ނެޗުރަލް ގޭހުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރަނީ މި ހަނި ކަނޑުއޮޅިންނެވެ.
އީރާނުން މިފަދަ ނިންމުމެއް މި އިއުލާން ކުރީ، އެ ސަރަހައްދުގެ ނުތަނަވަސްކަމާ ހެދި ދަތުރުފަތުރުތަކަށް ހުރަސް އެޅި، ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް ބޮޑެތި ބުރޫތަކެއް އަރާފާނެ ކަމުގެ ބިރު އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
މި އުފާވެރި ޚަބަރާއެކުވެސް، ސަރަހައްދީ މަސްލަހަތު އަދިވެސް އޮތީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅިގެން ހުޅަނގުގެ ގައުމުތަކުން ދަނީ އީރާނަށް ބޮޑެތި ޕްރެޝަރުތަކެއް ކުރަމުންނެވެ.
ވަކިން ހާއްސަކޮށް އެމެރިކާއިން ދަނީ އީރާނާ ދެކޮޅަށް ކަނޑުގެ ސަރަހައްދުގައި ހަރުކަށި ފިޔަވަޅުތަކެއް ދަމަހައްޓަމުންނެވެ. އީރާނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ކަނޑުއޮޅި ހުޅުވާލި ނަމަވެސް ސަލާމަތްތެރިކަމާއެކު ދަތުރުކުރެވޭނީ ހަމައެކަނި މަދަނީ އަދި ވިޔަފާރި އުޅަނދުތަކަށެވެ. އަސްކަރީ އުޅަނދުތަކަށް މި ފުރުސަތެއް ނޯންނާނެއެވެ.
އިޒްރޭލާއި ލުބްނާނުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ހިޒްބުالله ފަދަ ޖަމާއަތްތަކުން ފުރިހަމައަށް އަމަލުކުރާނެތޯ ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ސުވާލު އުފައްދަމުންނެވެ. މި އެއްބަސްވުމަށް ބުރޫ އަރައިފިނަމަ، އަލުން ކަނޑުއޮޅި ބަންދުވުމުގެ ބިރު އެބައޮތެވެ.
ދިވެހިރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވާ ގައުމުތަކަށް މި ހާލަތަކީ ނުހަނު މުހިންމު ހާލަތެކެވެ. ރާއްޖެއަށް ބޭނުންވާ ތެލާއި ކާބޯތަކެތީގެ ބޮޑުބައެއް އަންނަނީ މި ސަރަހައްދުގެ ކަނޑުމަގުންނެވެ.
ހޮރްމޫޒް ކަނޑުއޮޅި ބަންދުވެއްޖެނަމަ، ޝިޕިންގ ހަރަދު ބޮޑުވެ، ތެލުގެ އަގު އުފުލި، ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލިގެންދާނެއެވެ.
ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ކަނޑުއޮޅި ހުޅުވާލުމަކީ ކުރު މުއްދަތުގެ ހަމަޖެހުމެއް ލިބޭނެ ކަމެކެވެ. ނަމަވެސް އެމެރިކާ އާއި އީރާނުގެ ގުޅުން ގޯސްވެފައި އޮތުމަކީ ދުރު މުސްތަގުބަލުގައި ދުނިޔޭގެ ސަޕްލައި ރޫޓްތަކަށް އަދިވެސް ނުރައްކާ އޮތް ކަމެއްކަން އެ ފަރާތްތަކުން ފާހަގަކުރެއެވެ. ދުނިޔޭގެ ސިޔާސީ މަސްރަހަށް އަންނަ ކުޑަ ބަދަލަކުންވެސް ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެއެވެ.



