އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ނިންމައި، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އެމްޑީޕީން ކުރި އިއުލާނުގައި ބުނީ، ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމަށް މިއަދުން ފެށިގެން އެ ފުރުސަތު ވަނީ ހުޅުވާލެވިފައިވާކަމަށެވެ. މަގާމަށް ކުރިމަތިލުމުގެ އެންމެ ފަހު ވަގުތަކީ މޭއި މަހުގެ 2 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 އެވެ.
މި އިންތިހާބުގައި ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ޕާޓީގެ މެންބަރެއްކަމުގައިވުން ހިމެނެ އެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ މީހެއްގެ ހުންނަންޖެހޭ އެންމެހާ ޝަރުތުތައް އެ ފަރާތެއްގެ ކިބައިގައި ފުރިހަމަވާންޖެހޭނެކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.
އެ ޕާޓީގެ ފަރާތުން ޗެއާޕާސަން ކަމަށް ކުރިމަތިލުމަށް އެދޭ މީހުން ފޯމު ހުށަހަޅަން ޖެހެނީ ގޫގުލް ފޯމް މެދުވެރިކޮށެވެ. އެމްޑީޕީން އިއުލާންކޮށްފައިވާ ގޮތުގައި، ޖޫން 12 ވާ ބުދަ ދުވަހު ބާއްވާ މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ މެންދުރުފަހު 2:30 އިން ރޭގަނޑު 8:00 އާ ހަމައަށެވެ.
މިހާތަނަށް މި މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމްގެ އިތުރުން ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހުމީ އެވެ.
މި ބޭފުޅުން މިހާރު އަންނަނީ އިންތިހާބަށް ކެމްޕެއިން ވެސް ކުރައްވަމުންނެވެ.



