6 މަސްދުވަހުގެތެރޭ ދިވެހި ކުންފުނިތަކަށް 3.3 ބިލިއަން ދައްކައިފިން: ރައީސް
ދެންމެ | 27 އޭޕްރިލް 2026

ދައުލަތުން މަސައްކަތްކުރާ ފައިސާ މިހާތަނަށް ނުދީ ހުރި ދިވެހި ކުންފުނިތަކަށް މިދިޔަ ހަ މަސްދުވަހުގެތެރޭ 3.3 ބިލިއަން ރުފިޔާ ދައްކާފައިވާކަމަށްް ރައީީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރައްޔިތުން އިގްތިސާދީ ގޮތުން ދަތިވިޔަ ނުދީ ދަރަނިތައް ދައްކަމުން އަންނަކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރަށް ދައްކަންޖެހޭ ބޮޑު ދެ ދަރަންޏެއް 21 ދުވަހުގެ ތެރޭގައި ދައްކާފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

“ 21 ދުވަހުގެ ތެރޭގައި އަޅުގަނޑުމެން މިވަނީ ގާތްގަޑަކަށް 1 ބިލިއަން ޑޮލަރުގެ ދަރަނި ދައްކާފައި.“ ރައީސް މުއިއްޒު ވިދާޅުވިއެވެ.

ބޭރުގެ ދަރަނިތަކުގެ އިތުރުން ދިވެހި ކުންފުނިތަކަށް ދައްކަންޖެހޭ ދަރަނިތައް ދައްކަމުން ގެންދަވާކަމަށްވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ. އެގޮތުން މިދިޔަ 6 މަސް ދުވަހުގެ ތެރޭގައި ދިވެހި ކުންފުނިތަކަށް 3.3 ބިލިއަން ރުފިޔާ ދައްކާފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

“ ތިންހާސް ތިން ސަތޭކަ މިލިއަން ރުފިޔާ އެއީ ރައްޔިތުން ކޮށްފައި ހުރި މަސައްކަތްތައް. އެކި އެކި ކުންފުނިތައް ނޫނީ އެކިއެކި މިނިސްޓްރީތައް މެދުވެރިކޮށް ކުރުވާފައިވާ މަސައްކަތްތައް އަޅުގަނޑުމެން ދީފީމޭ، 3 ހާސް 3 ސަތޭކަ މިލިއަން ރުފިޔާގެ ބިލް ޕޭކޮށްފިން.“ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި އެންމެ ގިނައީ އެކިއެކި ބޭސް ކުންފުނިތަކާއި ފާމަސީތައްކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި މި ހަފުތާ ތެރޭގައި އިތުރު 260 މިލިއަން ރުފިޔާ ދޫކުރާނެކަމަަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!