ގާނޫނާއި އެއްގޮތަށް ސިޔާސީ ހަރަކާތްތައް ހިންގަން ޕީއެންފާއި އެމްޑީޕީއަށް އަންގައިފި
ދެންމެ | 28 އޭޕްރިލް 2026

ސިޔާސީ ހަރަކާތްތައް ހިންގުމުގައި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީން ކުރިއަށް ގެންދިޔުމަށް އަންގާ އިލެކްޝަންސް ކޮމިޝަނުން ދެ ސިޔާސީ ޕާޓީއަކަށް ސިޓީ ފޮނުވައިފި އެވެ.

އީސީން ވަނީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ޕީޕަލްސް ނޭޝަނަލް ފްރަންޓް އިން މިހާރު މާލޭގައި ސިލްސިލާކޮށް ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ވާހަކަ ދައްކައި، އާންމުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް، ހަމަނުޖެހުމަށް ހިތްވަރު ލިބޭގޮތަށް ހަރަކާތްތައް ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެފަ އެވެ. އަދި ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިޔުން އެދި އިލެކްޝަންސް ކޮމިޝަނުން މި ޕާޓީތަކަށް ވަނީ ފޮނުވާފަ އެވެ.

މިއަދު އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ސިޓީގައި ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތައް ހިންގަންވާނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމަށް ވުމުން، މި ސިޔާސީ ޕާޓީތަކުން މިދުވަސްވަރު ހިންގަމުންދާ ގަރަކާތްތަކާއި އެއްވުންތައް ބޭއްވުމުގައި ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް އަމަލުކުރުމަށް ވަނީ އަންގާފަ އެވެ.

ސުލޫކީ މިންގަނޑާ ހިލާފަށް، ޕާޓީތަކުގެ ވެރިންނާއި މެންބަރުންނާއި ޕާޓީތަކަށް މަސައްކަތްކުރާ މީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ފާޑުނުކިޔުމާއި، މުޖުތަމައުގައި ރުޅިވެރިކަމާއި ނަފުރަތު އުފެދޭ ގޮތަށް ހަގީގަތާ ހިލާފު ސާބިތުނުހިފޭ ވާހަކަތައް ނުދެއްކުމަށާއި އަދި ގާނޫނަކުން ހުއްދަކުރާ ދާއިރާއިން ބޭރުގައި، މަގުތަކާއި އާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ އާންމު ބައްދަލުވުންތަކާއި، ހަރަކާތްތައް ނުބޭއްވުމަށް އިލްތިމާސްކޮށް ނަސޭހަތްތެރިވެ، ގާނޫނީ ހުދޫދުގެ ތެރެއިން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކަށް ކޮމިޝަނުން މަރުހަބާ ކިޔާނެކަން ވެސް ވަނީ އަންގާފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!