ސިޔާސީ ބުރަދަނެއް ނެތް އެމްއާރުއެމުގެ އިންޒާރު ރައީސް ސޯލިހަށް ދެއްވައިފި
ދެންމެ | 24 އޯގަސްޓް 2022

ސިޔާސީ ބޭނުމުގައި މީހުންގެ އަބުރު ކަތިލައި، މުޖުތަމަޢުގައި ރުޅިވެރިކަން އުފެދޭފަދަ އަމަލުތައް ހިންގައިގެން ސިޔާސީ ކުރިއެރުން ހޯދަން އެއްވެސް ފަރާތަކުން މަސައްކަތް ނުކުރުމަށް ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރްއެމުން އިލްތިމާސްކޮށްފިއެވެ.

ސަރުކާރު ކޯލިިޝަންގައި ހިމެނޭ އެމްއާރްއެމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚުގެ ހަޤީޤަތް މިއަދުގެ ޖީލުތަކަށް އޮޅުވާލައި، ފިތުނަ އުފައްދައި އަދި ސިޔާސީ ބޭނުމުގައި މީހުންގެ އަބުރު ކަތިލައި، މުޖުތަމަޢުގައި ރުޅިވެރިކަން އުފެދޭފަދަ އަމަލުތައް ހިންގައިގެން ސިޔާސީ ކުރިއެރުން ހޯދަން އެއްވެސް ފަރާތަކުން މަސައްކަތް ނުކުރުމަށް އެދިފައެވެ.

ސިޔާސީ ބޭނުމުގައި އަބުރު ކަތިލައިގެން ކުރިއެރުން ހޯދުމުގެ ބަދަލުގައި ދިވެހިން މި ދެކޭ އަމާން، ފަހި މާދަމާ ހޯދުމަށް ދިވެހި ހުރިހާ ރައްޔިތުން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް އެ ބަޔާނުގައި ބުނެފަައިވެއެވެ. އެމްއާރުއެމުން ބުނީ ދިވެހިރާއްޖެ ޒަމާނީ ޑިމޮކްރަސީއަށް ކުރި ދަތުރަކީ އޭގައި ގިނަ ބައެއްގެ ބައިވެރިވުން އޮތް، ދިގު ދަތުރެއް ކަމަށެވެ. އަދި އެއީ ޒަމާނުއްސުރެ ދިވެހިރާއްޖޭގެ ނިޒާމުތައް އޮތް ގޮތް ޒަމާނާއި އެކަށީގެންވާގޮތަށް ބަދަލުކޮށް ރައްޔިތުންނަށް ގިނަ ދާއިރާތަކުން ޙައްޤުތަކާއި މިނިވަންކަން ލިބިދިނުމަށް ކުރެވުނު މަސައްކަތެއް ކަމަށް އެޕާޓީން ބުނެ އެވެ.

އެމްއާރުއެމްގެ ބަޔާނުގައި ވަނީ މި މަސައްކަތަށް އެންމެ ބޮޑު ބާރެއް ލިބިގެންދިޔައީ ރައީސް މައުމޫންގެ ސަރުކާރުން ރާއްޖޭގެ ޤާނޫނު އަސާސީ އަލުން އެކުލަވާލުމަށް ނިންމެވި ނިންމެވުމާއި، ސަރުކާރުން އޭރު އިޢުލާނުކުރެއްވި އިސްލާޙީ މަގުޗާޓުން ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން ދިވެހިން ބޭނުންވާ ވެރިކަމުގެ ނިޒާމެއް ކަނޑައަޅައި، ވެރިކަމުގެ ބާރުތައް ވަކިކުރެވި އޭގެ މައްޗަށް އައު ޤާނޫނުއަސާސީއެއް އެކުލަވައިލެވުނު ކަމަށާއި، 7 އޯގަސްޓް 2008 ގައި ތަސްދީޤު ކުރެވުނު ފެހި ޤާނޫނުއަސާސީ ވެގެންދިޔައީ ދިވެހިން އުންމީދުކުރަމުން އައި ޑިމޮކްރެޓިކް ނިޒާމް ރާއްޖެއަށް ދަތުރުކުރުމަށް ކޮށުނު މުހިންމު މަގަކަށް ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އެމްއާރުއެމްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިއަދު ދިވެހި ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ، ޑިމޮކްރަސީ ގެނައުމަށް އޭރުގެ ސަރުކާރުން ކުރު މުއްދަތެއްގެ ތެރޭގައި ކުރެއްވި ބުރަ މަސައްކަތާއި ތަފާތު ފިކުރުގެ އަހުލުވެރިންނަށް ދެއްވި އެއްބާރުލުމުގެ ނަތީޖާ، ކަންކަން އިސްލާޙުކުރުމަށް މި ވޭތުވެދިޔަ 14 އަހަރު ވެރިކަން ކުރި ފަރާތްތަކަށް ނެރެވިފައި ނުވާކަން ކަމަށެވެ.

އެގޮތުން ރާއްޖޭގެ ޖަލުތަކުގެ ޙާލަތާއި، އިންސާނީ ޙައްޤުތަކުގެ ޙާލަތާއި، ވާނުވާ ޖަހައި ޖަލަށް ލުމާއީ، އިޖުތިމާޢީ ރައްކާތެރިކަމާއި، ކޮރަޕްޝަނާއި، ކަންކަމުގައި ސިޔާސީ ނުފޫޒު ފޯރުވުން ފަދަ އެތައް ކަމަކަށް އެކަށޭނަ އިސްލާޙާއި ކުރިއެރުން އައިސްފައި ނުވާކަން ރައްޔިތުން ފާހަގަކުރާ ކަމަށް އެޕާޓީން ބުންޏެވެެ. އަދި މުޖުތަމަޢުގެ ރައްކާތެރިކަމާއި ދީނީ އެއްބަޢިވަންތަކަން ފަދަ ބައެއް ދާއިރާތަކުން މީގެ 14 އަހަރު ކުރިއާ އަޅާބަލާއިރު އެތައް ފިޔަވަޅެއް ފަހަތަށް އަޅާފައިވާކަމަށް ރައްޔިތުން ދެކޭކަމަށް އެޕާޓީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އެމްއާރުއެމުން މިފަދަ ބަޔާނެއް ނެރެފައިމިވަނީ ނިމިގެންދިޔަ އެމްޑީޕީގެ ކޮންގުރެސްގައި އެޕާޓީގެ އިސްލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ރައީސް މަައުމޫންގެ ސަރުކާރަށް ފާޑުވިދާޅުވެފައިވަނިކޮށެެވެ. ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީ އުފެދިގެންދިޔައީ އޭރުގެ އަނިޔާވެރިކަން ހައްދު ފަހަނައެޅުމުން ކަމަށެވެ. އެގޮތުން ކުރެވޭ އިޝާރާތަކުން ބުނެވޭ ބަހަކުން ނުވަތަ ހީވާ ހީވުމަކުން ވެސް މީހާގެ އަޖަލު އޭނާގެ ދޮރުގައި ޓަކި ޖަހާފާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!