ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ދެވަނަ އޭ330-200 ގެ މަތިންދާބޯޓު މި އަހަރުގެ ފަހުކޮޅު ގެނެސް، ރަޝިޔާ އާއި ދެކުނު ކޮރެއާއަށް ދަތުރުތައް ފަށަން ތައްޔާރުވަމުންދާކަން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.
ޕީއެސްއެމް ނިއުސްގައި ވާހަކަ ދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، ދެވަނަ ވައިޑް-ބޮޑީ މަތިންދާ ބޯޓު ގެނައުމަށް މަސައްކަތްތައް މިދިޔަ އަހަރުން ފެށިގެން ކުރަމުންދިޔަ ނަމަވެސް މި ބޯޓު ރާއްޖެއަށް ގެނައުމަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިވި ކަމަށެވެ.
އިޔާސް އިތުރަށް ވިދާޅުވީ، އެއާކްރާފްޓުގެ މެނިފެކްޗަރާ އެއާބަސްއާއި ގުޅިގެން ކުރި މަސައްކަތާއެކު ވީހާވެސް އަވަހަކަށް ދެވަނަ ވައިޑް-ބޮޑީ މަތިންދާ ބޯޓު ގެނައުމުގެ އުންމީދު ލިބިފައިވާ ކަމަށެވެ. އެގޮތުން މިއަހަރުގެ ފަހުކޮޅު ދެވަނަ ވައިޑް-ބޮޑީ މަތިންދާ ބޯޓު ރާއްޖެ ގެނެވޭނެ ކަމަށާއި، މިއާއެކު ބައިނަލްއަގުވާމީ އެހެން މަންޒިލްތަކަށްވެސް ދަތުރުތައް ފެށޭނެ ކަމަށް އިޔާސް ފާހަގަކުރެއްވި އެވެ.
”ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން ދެވަނަ މަތިންދާ ބޯޓު ގެނައުމާއެކު ރަޝިޔާ އާއި ސައުތު ކޮރެއާ އަށް ދަތުރުތައް ފެށުމަށް.“ އިޔާސް ވިދާޅުވި އެވެ.
މޯލްޑިވިއަނަށް ފުރަތަމަ ވައިޑް ބޮޑީ ބޯޓް ގެނައީ މިދިޔަ އަހަރުގެ ޖެނުއަރީގަ އެވެ. އޭގެ ފަހުން މިހާރު އެ ބޯޓްގައި ޝެޑިއުލް ދަތުރުތައް ބާއްވާ ބޭރުގެ މަންޒިލްތަކަކީ ޗައިނާ، އިންޑިއާ، ބަންގްލަދޭޝްގެ އިތުރުން އޮސްޓްރޭލިއާ އެވެ.
މޯލްޑިވިއަންގެ ހިދުމަތް ފުޅާކޮށް ބައިނަލްއަޤްވާމީ ގިނަ މަންޒިލްތަކަށް ދަތުރުތައް ފެށުމަކީ ސަރުކާރުގެ އަމާޒެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ގައުމީ އެއާލައިނަށް އިތުރު ވައިޑް-ބޮޑީ މަތިންދާ ބޯޓެއް ގެނައުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.



