ނާޒިމު ވަކިކުރުމުގެ މައްސަލަ އާދިއްތަ ދުވަހަށް ތާވަލު ކޮށްފި
ދެންމެ | 29 މެއި 2026

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރުމަށް ހުށަހެޅި ގަރާރުގެ މައްސަލަ އަންނަ އާދިއްތަ ދުވަހު ބާއްވާ މި އަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ވަޓްސްއެޕް ގްރޫޕުން މަޖިލީހުގެ ނައިބުރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ބޭރުކޮށް މަޖިލީހުގެ ނައިބުރައީސްގެ މަގާމުން ނާޒިމު ވަކިކުރަން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން ސޮއި ހަމަކުރީ މި މަހުގެ 13 ވަނަ ދުވަހު އެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، 14 ދުވަހުގެ ނޯޓިސް ހަމަވުމަށް ފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ދުވަހެއްގައި މި ފަދަ ގަރާރަކާ މެދު ގޮތެއް ނިންމުމަށް ޖަލްސާއެއް ބާއްވަން ޖެހެ އެވެ.

މަޖިލީހުގެ ނައިބުރައީސްގެ މަގާމުން ނާޒިމު ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސްކުރަން މެންބަރުންނަށް 50 މިނެޓް އަދި ޖަވާބުދާރީވުމަށް ނާޒިމަށް 10 މިނެޓް ދޭން މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ނިންމާފަ އެވެ.

ނާޒިމު މަގާމުން ވަކިކުރަން އޭނާ ނިސްބަތްވާ ޕާޓީ — ޕީއެންސީން ހުށަހެޅީ މަޖިލީހުގެ މަސްލަހަތު ނަގާލަން ނާޒިމު މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، މަޖިލީހުގެ ނައިބު ރައީސް ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ، މަޖިލީހުގެ ރައީސެވެ. އަދި މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިވާނީ، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގްލަބިއްޔަތުން އެ ގަރާރު ފާސްވުމުން ކަމަށްވެސް މަޖިލީހުގެ ގަވާއިދުގައި ވަނީ ބަޔާންކޮށްފަ އެވެ.

މިހާރު ހިނގަމުން އަންނަ 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމަށް އަބްދުއްރަހީމް އަބްދުﷲ އަދި ނައިބު ރައީސަކަށް ނާޒިމް އިންތިހާބުކުރީ 28 މޭ 2024 ގަ އެވެ.

ނާޒިމަށް މަޖިލިހުގެ ނައިބު ރައީސްކަން ލިބިވަޑައިގަތީ މަޖިލިހުގެ މެމްބަރުންގެ މެދުގައި ނެގި ވޯޓުގައި 80 ވޯޓު ހޯއްދަވައިގެންނެވެ. ނާޒިމާ ވާދަކުރެއްވި އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ އަށް ލިބިވަޑައިގަތީ 12 ވޯޓެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!