ދިވެހި މުޖުތަމައުގެ އަހުލާގީ ފެންވަރު މިހާރުވަނީ އިންތިހާއަށް ދަށަށް ގޮސްފަ: އިހްސާން
ދެންމެ | 29 މެއި 2026

ދިވެހި މުޖުތަމައުގެ އަހުލާގީ ފެންވަރު އިންތިހާއަށް ދަށަށް ގޮސްފައި ކަމުގައި ހޯމް މިނިސްޓަރ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ދިވެހި މުޖުތަމައުގައި މިހާރު ހިނގަމުންދާ ނޭދެވޭ ކަންކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުން މިނިސްޓަރ ވަނީ ރާއްޖެއަށް މިހާރު ބޭނުންވަނީ ހަމައެކަނި އިގުތިސާދީ ނުވަތަ ސިޔާސީ އިސްލާހެއް ނޫންކަން ފާހަގަކުރައްވާފައެވެ. އަދި ދިވެހިރާއްޖެ މިހާރު ބަދަލުވެފައިވަނީ ކުށްވެރިންނަށް ތައުރީފުކޮށް، ހުތުރު ބަސްމަގު ކުރިއަރުވާ، ރިވެތި އަހުލާގަށް ފުރައްސާރަކުރާ ގައުމަކަށް ކަމަށް ވެސް ވިދާޅުވިއެވެ.

މިގޮތުން، ކޯޓުގެ ހުރުމަތް ކަނޑައިގެން ޖަލަށްލާ މީހުންނަކީ ގައުމީ ބަތަލުންގެ ގޮތުގައި ދެކެމުންދާކަން ފާހަގަކުރައްވާ ވިދާޅުވީ މިއީ މުޖުތަމައުގެ ވިސްނުން ހުރިގޮތް ދައްކުވައިދޭ ކަމެއް ކަމަށެވެ. އަދި ކުށްކުރާ ފަރާތްތަކަށް މުޖުތަމައުގެ ތެރެއިން ލިބެންޖެހޭ ނިކަމެތިކަމުގެ ބަދަލުގައި ލިބެމުންދަނީ މަޝްހޫރުކަން ކަމަށް ވިދާޅުވިއެވެ.

ގައުމަށް ދިމާވެފައިވާ ހިތާމަވެރި ހާލަތްތައް ސިޔާސީކުރަމުންދާ މިންވަރަށް އަލިއަޅުއްވާލައްވާ ވިދާޅުވީ، ބޭރުގެ ޑައިވަރުންތަކެއްގެ ހަށިގަނޑު ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް ގައުމަށްޓަކައި ފުރާނަ ގުރުބާންކުރި ސިފައިންގެ މީހެއްގެ މަރުގެ ހާދިސާގެ ހަގީގަތް ނުހޯދެނީސް، އެކަން ސިޔާސީ ހަތިޔާރަކަށް ހަދާ، މުއައްސަސާތަކަށް އަމާޒުކޮށް ފާޑުކިޔުންތައް އަމާޒުކޮށްފައިވާކަމަށެވެ. އަދި ގައުމީ ހިދުމަތުގައި ފުރާނަ ދޫކޮށްލާ ފަރާތްތަކަށް ހައްގުވާ އިހުތިރާމް ދިނުމުގެ ބަދަލުގައި، އެފަދަ ހާދިސާތައްވެސް ސިޔާސީ ފައިދާ ހޯދުމަށް ބޭނުންކުރުމަކީ ހިތާމަހުރި ކަމެއްކަމުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ގައުމީ ގަދަ ދިހައެއްގައި އެއްވަނަ ހޯދާ، ޕީއެޗްޑީ ހާސިލުކޮށް، ހަތް އަހަރު މިނިސްޓަރުކަން ކުރައްވާ، އަދި ރައްޔިތުންގެ ވޯޓުން ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިހާބުކޮށްފައިވާ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުންނާއި ދަރިންނަށް އަމާޒުކޮށް މެދުކެނޑުމެއްނެތި ދޮގު ވާހަކަތައް ފަތުރާ، އަބުރު ކަތިލަމުންދާކަން ވެސް މިނިސްޓަރ ފާހަގަކުރެއްިއެވެ. އަދި މިފަދަ އަމަލުތައް ހިންގަނީ މުޖުތަމައަށް އެއްވެސް ފައިދާހުރި ކަމެއް ކޮށްދީފައިނުވާ ބައެއްކަން ވަނީ ފާހަގަކުރައްވާފައެވެ.

މިއީ ގައުމަށް ހިދުމަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ބަދަލުގައި އެފަރާތްތައް ނިކަމެތިކޮށްލުމަށް ހިންގޭ ފިނޑި އަމަލުތަކެއްކަމަށް މިނިސްޓަރ ސިފަކުރެއްވިއެވެ.

މީސްމީޑިއާގެ ނުފޫޒާއި ނޫސްވެރިކަމުގެ ނަމުގައި ހިންގާ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން މިނިސްޓަރ އިހްސާން ވަނީ އެއްވެސް ތައުލީމީ ފެންވަރެއް، އަހުލާގީ މިންގަނޑެއް އަދި އިތުބާރެއް ނެތް މީސްމީޑިއާގެ އިންފްލުއެންސަރުންނާއި ކުއްލިއަކަށް ނޫސްވެރިންނަށް ވެގެން އުޅޭ މީހުން، ރައްޔިތުން އިންތިހާބުކޮށްފައިވާ ދުސްތޫރީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށްވުރެ މޮޅުކަމަށް ދެކޭކަމަށެވެ. އަދި ހިޔާލު ފާޅުކުރުމަށްވުރެ ހުތުރު ބަސްތައް ބޭނުންކުރުން އާންމުވެފައިވާ ކަމަށާއި އަޑުގަދަކުރުމަކީ މޮޅުކަން ކަމުގައި ދެކޭ މުޖުތަމައުއަކަށް ރާއްޖެ ވެފައިވާކަމަށް ވިދާޅުވިއެވެ.

ގައުމީ ބަހުސްތަކުގައި އެންމެ އަޑުގަދަކޮށް އިވެނީ އެންމެ ހުތުރު ބަސްމަގު ބޭނުންކުރާ މީހުންގެ އަޑުކަމަށްފާހަގަކުރައްވާ ވިދާޅުވީ ކޮންމެ ރެޔަކު ޓީވީތަކުން ގައުމުގެ ވެރިންނަށް ފުރައްސާރަކޮށް އަބުރު ކަތިލާ މަންޒަރު މައިންބަފައިންނާއެކު ކުދިން ބަލަން ތިބޭއިރު، އެ ނުބައި އާދަތައް ސްކޫލުތަކަށް ގެންގޮސް އެހެން ކުދިންނަށް ބުލީކުރަމުންދާކަމަށެވެ. އަދި މައިންބަފައިން ބުލީކުރުމާ ދެކޮޅަށް ވާހަކަދެއްކި ނަމަވެސް، އަމަލުން ދައްކަނީ މުޅިން ތަފާތު މަންޒެއްކަމަށް ވިދާޅުވިއެވެ.

އިހުސާން ވިދާޅުވި ގޮތުގައި މިއީ މިހާރު ސިޔާސީ މައްސަލައެއް ނޫން ކަމަށާއި މިއީ އަހުލާގީ ގޮތުން މުޖުތަމައު ފަސާދަވެފައިވާކަމުގެ ހެއްކެއް ކަމަށެވެ. އަދި އިހުތިރާމާއި ބޭއިހުތިރާމް، ތެދު މައުލޫމާތާއި ޕްރޮޕެގެންޑާ، އަދި ހަރުދަނާ ލީޑަރޝިޕާއި ހަމަނުޖެހުން ވަކިކުރަން ނޭނގޭ ހިސާބަށް މުޖުތަމައު ބަލިކަށިވެފައިވާކަމަށް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!