ލޯބި ނުވެވިގެން ވަރިވުމާއި ވަރިކުރުމަކީ މޮޔައިން ކުރާ ކަމެއް!
ދެންމެ | 30 މެއި 2026

ކައިވެނިކުރުމަށްފަހު ލޯބިނުވެވޭ މައްސަލައަށްބަލާއިރު އެއީ ހަމަސީދާ ޝައިޠޯނާގެ ކިބައިން އަންނަ ޙަމަލާއެކެވެ! އެކަން މެދުވެރިވާގޮތްވެސް ބުނެދޭނަމެވެ.

ބައިވެރިޔާގެ ކިބައިގައި ހުރި ސިފަތަކުގެ ލިސްޓެއް ހަދައި ފާހަގަލާށެވެ! 10 ސިފައިން 8 ސިފަ ރަނގަޅެވެ. 2 ސިފަ ގޯހެވެ. (ތިބާއަށް ކަމަކު ނުދެއެވެ.) އެގޮތަށްއެކަން މެދުވެރިވާއިރަށް ޝައިޠޯނާ އައިސް ވަސްވާސްދޭނީ ކަމުނުދިއަ 2 ސިފައާއިމެދުގައެވެ. އެދެސިފަ ހުރެގެން އެއްވެސް އުފާވެރިކަމެއް ނުލިބޭނެކަމަށް ވިސްނައިދޭނެއެވެ. އެއިރު ރަނގަޅަށްހުރި 8 ސިފަ ކޮބައި ހެއްޔެވެ؟

ބުނަންހެއްޔެވެ؟ ތިއަކިޔާ ލޯތްބަކީ ކައިވެނިކުރާތަނުންވެސް ބަދަލުވެދާނެއެއްޗެކެވެ. ކައިވެނިކޮށްގެން އެކުގައި އުޅޭ އެންމެން އެއުޅެނީ ލޯބިވާވަރު ބޮޑުވެގެނެއް ނޫނެވެ. ގިނަބައަކު އުޅެނީ ލޯބިވާތީއެއްވެސް ނޫނެވެ. އަނެކާގެ ކިބައިގައި ރަނގަޅު ސިފަތަކެއް ހުންނާތީއެވެ.

ރަނގަޅު ސިފަތައް ހުއްޓައި ލޯބިނުވާތީ ދޫކޮށްލާ ބައިވެރިން ދެވަނަ ކައިވެނީގައި އުފަލުގައި އުދުހޭނެއެވެ. އެއީ އެމީހުންގެ ކިބައިގައި ހުންނަ ރަނގަޅު ސިފަތައް ބަލައިގަންނަން އެނގޭ ބައިވެރިއަކު ލިބޭތީއެވެ. ދެން އަނެކާއަށްވާގޮތަކީ ޝައިޠޯނާގެ ވަސްވާސްތައް ޤަބޫލުކޮށްގެން ހޯދި ބައިވެރިޔާއަކީ ޠޫފާނަކަށްވެ ސަލާމަތްނުވެވެނީއެވެ. އިސާހިތަކު އޮންނާނީ ކައިވެނި ރޫޅިފައެވެ.

ތިއަބުނާ ލޯބީގެ ޢުމުރު ވަރަށް ކުރުވާނެއެވެ. ކައިވެނިކުރާތާ ހަފްތާއެއްގެތެރޭގައިވެސް ޢުމުރުހަމަވެދާނެއެވެ. ބުއްދިވެރިންނަކީ އެހިސާބުން އަނެކާގެ ހުންނަ ރަނގަޅު ސިފަތައްދެކެ ލޯބިވެގެން އެކުގައި އުޅެން މަސައްކަތްކުރާ މީހުންނެވެ. އުފާވެރިދިރިއުޅުމެއް ލިބެނީ އެމީހުންނަށެވެ.

މިއީ އަނބިމީހާދެކެ ލޯބިނުވާތީ ވަރިކުރަން ހުއްދަވާނެތޯ؟ ކުރެވުނު ސުވާލަކަށް ޝައިޚް ޢާޞިމް އަލްޙަކީމް ދެއްވާފައިވާ ޖަވާބެއްގެ ޚުލާޞާއެކެވެ.

 

– މިއަދުނޫސް

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!