ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތު ކިތަންމެ ދަށްވެ، ދަރަނި ބޮޑުވި ނަމަވެސް ރަށްރަށުގެ ކުރިމަގަށް ރޭވިފައިވާ ތަރައްޤީގެ މަޝްރޫޢުތަކަށް އެކަމުގެ ހިޔަނި އެޅިގެން ނުވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގެ ފޯރިގަދަ ކެމްޕޭނުގައި ހއ. ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާ މުޚާޠަބު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ދަރަނީގެ ބުރަ އުފުލަން ޖެހިފައިވަނީ މުޅި ދައުލަތަށް ކަމަށާއި، ވަކިވަކި ރަށްރަށުގެ ކުރިއެރުން އެކަމާ ގުޅިފައި އޮވެގެން ނުވާނެ ކަމަށެވެ. ”ހޯރަފުއްޓަކީ ދަރަނިވެރި ރަށެއް ނޫން، ދަރަނިވެރިވެފައިވަނީ މުޅި ރާއްޖެ،“ ރާއްޖޭގެ މާލީ ޙާލަތަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި، ހޯރަފުށި ފަދަ އުމްރާނީ ގޮތުން ފުރިހަމަވެފައިވާ ރަށްރަށުން ދެން އަމާޒު ހިފަންވީ އެ ރަށެއްގައި ހުރި ވަސީލަތްތަކުގެ ބޭނުން ހިފައިގެން އާމްދަނީ އުފެއްދުމަށެވެ. މިގޮތުން، އެމަނިކުފާނު އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ހޮވިވަޑައިގެންފިނަމަ، ޕާޓީގެ ތެރެއިން ރަށްރަށުގެ ތަރައްޤީއަށް ޚާއްޞަ ’ޕްރޮޖެކްޓް ޑިޕާޓްމަންޓް‘ އެއް އުފައްދަވައި، ކައުންސިލްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވަޢުދުވެވަޑައިގަތެވެ.
ހޯރަފުއްޓަކީ ތިލަދުންމަތީގެ އެންމެ ތަރައްޤީވެފައިވާ އެއް ރަށްކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، އެ ރަށުގައި ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން ގިނަ އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް، ރަށުގައި އިޤްތިޞާދީ ފުރުޞަތުތައް މަދުވުމުގެ ސަބަބުން ރަށުގެ އާބާދީ މަދުވަމުންދާ ދިއުމާމެދު އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ހޯރަފުއްޓަކީ ތިލަދުންމަތީގެ އުންމީދީ ރަށެއްގެ ގޮތުގައި ސިފަކުރައްވަމުން ނަޝީދު ވިދާޅުވީ، ރަށުގައި ހުރި އިންވެސްޓްމަންޓްތަކާއެކު ވެސް މީހުން ރަށް ދޫކޮށް ދިއުމަކީ އޮތް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެހެންކަމުން، ތަރައްޤީ މިނެކިރުމުގައި ހަމައެކަނި ބިނާކުރެވޭ އިމާރާތްތަކަށް ބެލުމުގެ ބަދަލުގައި، އެ ކަންކަމުން ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާއާއި، އުފެދޭ ވަޒީފާތަކަށް ބަލަންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، މަސްވެރިކަމުގެ ދާއިރާގައި ހުރި ދަތިތަކަށް އަލިއަޅުއްވާލައްވަމުން، ތެލުގެ އަގުބޮޑުވުމާއި މަހަށް ލިބޭ އާމްދަނީ ދަށްވުމުގެ ސަބަބުން މަސްވެރި އާއިލާތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލެއް ހޯދައިދޭންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ، ރަށުގައި ތިބެގެން އުޅެވޭނެ އިޤްތިޞާދީ ފުރުޞަތުތައް ފަހިކޮށްދިނުމަކީ ރަށްރަށް ފަޅުވުން ހުއްޓުވުމަށް އޮތް ހަމައެކަނި މަގު ކަމަށެވެ.



