ށ. ގޮއިދޫގެ ހަމައެކަނި މިސްކިތުގެ އިމާމު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އަމިއްލައަށް ރަށު ގުރޫޕަށް ލައިފި އެވެ.
ށ. ގޮއިދޫގައި ނަމާދުކުރުމަށް ހުންނަ ހަމައެކަނި މިސްކިތުގެ އިމާމު، އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އެ ރަށުގެ ގިނަ ރައްޔިތުން ހިމެނޭ ވައިބާ ގުރޫޕަކަށް އަމިއްލައަށް ފޮނުވައިފިއެވެ. އާމިރު ނަމަކަށް ކިޔާ މި އިމާމަށް މި ވީޑިއޯ ގުރޫޕަށް ފޮނުވުނީ އޮޅުމަކުން ކަމަށް ބެލެވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އާމިރަކީ މީގެ ކުރިންވެސް އެއްޖިންސުން ގުޅުން ހިންގުމުގެ ކުށް ސާބިތުވެފައިވާ މީހެކެވެ. އޭނާ އިމާމުކަމުގެ މަގާމަށް އައްޔަންކުރެވުނު ފަހުންވެސް އެކި ފަހަރު މަތިން މިފަދަ ތުހުމަތުތައް ކުރެވި، މިކަމާ ގުޅުންހުރި ވީޑިއޯތަކާއި ސްކްރީންޝޮޓްތައް ދޭތެރެއަކުން އާންމުވަމުން ގޮސްފައިވެއެވެ. ނަމަވެސް، މިހާތަނަށްވެސް އޭނާ ހުރީ އެ ރަށުގެ ހަމައެކަނި މިސްކިތުގެ އިމާމުކަމުގެ މަގާމުގައެވެ.
މި ހާދިސާއާ ގުޅިގެން ރަށުގެ ރައްޔިތުންގެ މެދުގައި ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ. ރަށުގައި ހުރި ހަމައެކަނި މިސްކިތުގެ އިމާމުގެ ފަރާތުން މިފަދަ ދަށު ދަރަޖައިގެ އަމަލެއް ފެނުމުން، ގިނަ ބަޔަކު ދަނީ އޭނާގެ ފަހަތުގައި ނަމާދުކުރުމަށް ދެކޮޅު ހަދަމުންނެވެ. މިއީ މުޅި ރަށުގެ ދީނީ އަދި އަހުލާގީ މިންގަނޑަށް ލިބުނު ބޮޑު ހުތުރެއްގެ ގޮތުގައި ރައްޔިތުން ސިފަކުރެއެވެ.
ގޮއިދޫ ރައްޔިތުން މިހާރު ދަނީ މި މައްސަލަ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ގޮވާލަމުންނެވެ. އަދި އާމިރު ވަގުތުން އިމާމުކަމުގެ މަގާމުން ދުރުކޮށް، އެކަށީގެންވާ ފިޔަވަޅު އެޅުމަށް ރަށުގެ ރައްޔިތުން ދަނީ ބާރުއަޅަމުންނެވެ.



