ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްކަމަށް އޭދަފުށީ ދާއިރާގެ މެންބަރު ސަލީމް އިންތިޚާބުކޮށްފި
ދެންމެ | 01 ޖޫން 2026

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްކަމަށް ޕީއެންސީގެ ފަރާތުން އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އިންތިޚާބުކުރައްވައިފިއެވެ.

ސަލީމް ނައިބުރައީސްކަމަށް އިންތިޚާބުކުރެއްވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ނައިބުރައީސްކަމުގެ މަޤާމަށް ޕީއެންސީގެ ފަރާތުން ސަލީމްގެ ނަންފުޅު ހުށަހެޅުއްވިއިރު އިދިކޮޅު އެމްޑީޕީގެ ފަރާތުން ހުށަހެޅުއްވީ ހުސައިން ޒިޔާދުގެ ނަންފުޅެވެ.

ވޯޓުގެ ކަންކަން ކުރިއަށްގެންދިއުމަށް މަޖިލީހުގެ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އިންތިހާބުކޮށްފައިވެއެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ މެންބަރު ހުސްނީ މުބާރިކާއި މެންބަރު އަހްމަދު ޒަމީރާއި، މެންބަރު ޑރ. އަނާރާ ނައީމާއި، މެންބަރު އިބްރާހީމް ނާޒިލު އަދި އަމިއްލަ މެންބަރެއްގެ ގޮތުން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނެވެ.

މިއަދުގެ ވޯޓުގައި ސަލީމް މަޖިލީހުގެ ނައިބުރައީސްކަމަށް އިންތިޚާބުކުރެއްވުމަށް 62 ވޯޓު ލިބިވަޑައިގެންފައިވެއެވެ. އެމްޑީޕީގެ މެންބަރު ޒިޔާދުއަށް ލިބިވަޑައިގަތީ 10 ވޯޓެވެ. އަދި ދެ ވޯޓު ބާތިލްވެފައިވެއެވެ.

ސަލީމް މަޖިލީހުގެ ނައިބުރައީސްކަމަށް އިންތިޚާބުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ މަޖިލީހުގެ މެންބަރުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ސަލީމަށް މަރުޙަބާ ދަންނަވައިފައެވެ. ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތަޖުރިބާއާއެކު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްކަމުގެ މަޤާމުގައި ހުންނަވައިގެން މަޖިލީހަށާއި ދިވެހި ޤައުމަށް ސަލީމް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާނެ ކަމަށެވެ.

”ރައްޔިތުންގެ މަޖިލީހުގެ ތަޖުރިބާ ވަރަށް މުއްސަނދި ބޭފުޅަކަށް ސަލީމް ވެވަޑައިގަންނަވާނީ. އެހެންވީމާ އަޅުގަނޑު ޔަގީންކުރަނީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ރައްޔިތުންގެ މަޖިލީހުގެ ތަޖުރިބާގެ އަލީގައި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްކަމުގެ މަގާމުގައި ހުންނަވައިގެން މި މަޖިލީހަށާއި ދިވެހި ގައުމަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާނެ ކަމަށް“ ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.

ނައިބުރައީސްކަމުގެ މަޤާމް ހުސްވީ އެ މަޤާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އިއްޔެ މަޤާމުން އިސްތިޢުފާދެއްވުމާ ގުޅިގެންނެވެ. ނާޒިމް އިސްތިޢުފާގެ ސިޓީ ހުށަހެޅުއްވީ މަޤާމުން ވަކިކުރަން އިއްޔެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނިކޮށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!