ޙަވާލުވާ މަގާމެއްގައި ހުރެގެން ކަންކަން ކުރުމަށް ޖާގަ ނެތްނަމަ، މަގާމުން އިސްތިއުފާ ދިނުމަކީ ވަރަށް މަތިވެރި އަދި އަބުރުވެރި އަމަލެއް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ ދިފާއުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފިއެވެ.
ހއ. މުރައިދޫގައި ބޭއްވި ކެމްޕޭން ބައްދަލުވުމެއްގައި، ފައްޔާޒު އިސްމާއީލް މަގާމުން އިސްތިއުފާ ދެއްވީ ފެއިލްވެގެންތޯ އާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ފައްޔާޒު އިސްތިއުފާ ދެއްވީ ފެއިލްވެގެން ނޫން ކަމަށާއި، އެއީ ޝަރަފުވެރި އަދި މަތިވެރި ނިންމުމެއް ކަމަށެވެ.
ފައްޔާޒަކީ އައު ޖީލުގެ ލީޑަރެއްގެ ގޮތުގައި ސިފަކުރަށްވަމުން، އޭނާގެ މަސައްކަތުގެ އަޚްލާޤަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރު ކުރަށްވައި ޕާޓީގެ ޢާއްމު މެންބަރުންނާ ގާތުން މަސައްކަތް ކުރެއްވުމަށް ބަހައްޓަވާ ޝައުޤުވެރިކަމަށް ރައީސް ނަޝީދު ވަނީ ވަރަށް ބޮޑަށް ތައުރީފު ކުރަށްވާފައެވެ. އަދި ޕާޓީ ކުރިއަށް ގެންދިއުމުގައި ފައްޔާޒުގެ ޤާބިލުކަމާ މެދު ފުރިހަމަ އިތުބާރު އޮތްކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ހަމައެއާއެކު އެމްޑީޕީގެ ކުރިމަގު ބައްޓަން ކުރުމުގައި ފައްޔާޒް ފަދަ ޒުވާން ލީޑަރުންގެ ބޭނުންތެރިކަން ބޮޑު ކަމަށް ވިދާޅުވެ، މުރައިދޫގައި ތިބި އެމަނިކުފާނުގެ ހުރިހާ ސަޕޯޓަރުން ވެސް އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މެންބަރުން އެއް އޮޑިއަކަށް އެރުވުމަށް ފައްޔާޒު ކުރަށްވާ މަސައްކަތަށް އެއްބާރުލުން ދެއްވުމަށް ރައީސް ނަޝީދު ވަނީ އިލްތިމާސް ކުރަށްވާފައެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކެމްޕޭން ކުރަށްވާ ރައީސް ނަޝީދު މިހާރު ގެންދަވަނީ ހއ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތް ކުރަށްވަމުންނެވެ. މި ދަތުރުފުޅުގައި ފައްޔާޒު އިސްމާއީލް ވެސް ބައިވެރިވެވަޑައިގަންނަވާއިރު، އޭނާ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު 23 ގައެވެ.



