އެމްޑީޕީ ޗެއާޕާސަން އިންތިހާބުގައި ވާދަކުރާ އިބްރާހީމް މުހައްމަދު (ވާޑު) އިންތިހާބުގައި ވާދަނުކޮށް ދެބް އިންތިހާބުގައި ވާދަކުރާ މީކާއީލް އަހުމަދު ނަސީމަށް ތާއީދުކުރަން ނިންމައިފިއެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވަން ތައްޔާރުވަމުން އަންނަ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި އެ މަގާމަށް މީކާއިލްއާއި ވާޑުގެ އިތުރުން ދެން ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ. މި އިންތިހާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް ފެންނަނީވެސް ނަޝީދާއި މީކާއިލްއާ ދެމެދުގައެވެ.
ވޯޓްލާން އެއްދުވަހަށް ވެފައިވަނިކޮށް އިންތާބުގައި ވާދަނުކުރަން ނިންމިކަން އިއުލާންކުރަމުން ވާޑު ވިދާޅުވީ ޕާޓީގެ ލީޑާޝިޕަށް ބޭނުންވަނީ ޒުވާން ލީޑާ ޝިޕަށްކަމަށެވެ. އެގޮތުން އިންތިހާބުގައި މީކާއީލަށް ތާއިދުކުރަން ނިންމިކަން ވާޑު ވަނީ އިއުލާންކޮށްފައެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭންގެ ފޯރި ވަނީ ވަރަށް ގަދަވެފައެވެ. މި އިންތިހާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް ފެންނަނީވެސް ނަޝީދާއި މީކާއިލްއާ ދެމެދުގައެވެ. އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާ އެކު ނަޝީދު މަސައްކަތްކުރައްވާއިރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ފެންނަނީ މީކާއީލްގެ ކެމްޕެއިނުންނެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޗެއާޕާސަން އަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވާ އިންތިޒާމުކޮށް ބަލަހައްޓާ އެންމެ އިސް ފަރާތެވެ. ޗެއާޕާސަންގެ ދައުރަކީ ފަސް އަހަރު ދުވަހުއެވެ.
ޗެއާޕާސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ ފަރާތުން ސަރުކާރާއި އެހެނިހެން ސިޔާސީ ފަރާތްތަކާއި މުއާމަލާތް ކުރުމާއި، އެތެރޭގެ އިންތިހާބުތައް ރާވާ އިންތިޒާމު ކުރުމާއި، ކޮންގުރެސް އާއި ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުމާއި، ޕާޓީގެ އިދާރީ ކަންކަމުގެ މަސްއޫލިއްޔަތު އުފުލުން ހިމެނެ އެވެ.



