ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސް ކަމުން ޖަންގިޔާ ބާލައި މިނިވަން ކޮށްފި
ދެންމެ | 06 ޖޫން 2026

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގައި ހުންނަވަނިކޮށް ’ކުއްލިއަކަށް‘ އިތުބާރު ގެއްލުނު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް، ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސްކަމުން ވެސް ވަކިކޮށްފިއެވެ.

ނާޒިމާ މެދު ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދި، ޕީއެންސީގެ ހުރިހާ މަޖިލީސް މެންބަރުންގެ ސޮޔާ އެކު އޭނާ ވަކިކުރަން ހުށަހެޅީ ކުއްލިއަކަށެވެ. އެއީ، ސީދާ ކޮން ސަބަބަކާ ހުރެ ކުރި ކަމެއްކަން ޕީއެންސީން ރަސްމީކޮށް ހާމައެއް ނުކުރެއެވެ. އެކަމަކު، ވޯޓަށް އަހަން ކުޑަތަންވެފައި އޮއްވާ ނާޒިމް ވަނީ އަމިއްލަފުޅަށް މަޖިލީހުގެ ނައިބު ރައީސްކަމުން އިސްތިއުފާދެއްވާފައެވެ.

އޭގެ ފަހުން މި މަހު ޕީއެންސީން ވަނީ އެ ޕާޓީގެ ދިއްގަރު ދާއިރާގެ ރައީސްކަމުގެ މަގާމުން ވެސް ނާޒިމް ވަކިކުރަން ނިންމާފައެވެ.

”ސަން“އަށް އެނގިފައިވާ ގޮތުގައި ޕީއެންސީން މި މަހު ދެވަނަ ދުވަހު ބޭއްވި ސެނެޓު ބައްދަލުވުމުގައި އެ ނިންމުން އާންމުކުރެއްވީ އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެކަމަކު، އެ ނިންމުން ނިންމީ ކީއްވެ ކަމެއް އެނގިފައެއް ނުވެއެވެ.

ޕީއެންސީގެ ރަސްމީ ބަހެއް ހޯދަން މި ކަމާ ގުޅިގެން އެ ޕާޓީގެ ތަރުޖަމާނު މުހައްމަދު ފިރްޒުލް އަބްދުﷲ ޚަލީލާ ”ސަން“އިން ސުވާލުކުރުމުން ވިދާޅުވީ، އެ ފަދަ ނިންމުންތައް ޕާޓީން ރަސްމީކޮށް އާންމުކުރާނެ ކަމަށެވެ.

އެކަމަކު، ދިއްގަރު ދާއިރާގެ ރައީސްކަމުން ނާޒިމް ވަކިކުރިކަން ނިންމިކަން ޕީއެންސީން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އަދި، އެ ވާހަކައާ ގުޅޭ ގޮތުން ވަކި އެއްޗެއް ދަންނަވަން އޭނާ ވަނީ ދެކޮޅު ހައްދަވާފައެވެ.

ނާޒިމް ވަކިކުރަން ނިންމައި، ޕީއެންސީގެ ހުރިހާ މެންބަރުންގެ ސޮޔާ އެކު މަޖިލީހަށް ހުށަހެޅީ މިދިޔަ މަހު 14 ގައެވެ. މަޖިލީހަށް ޕީއެންސީން އެ ދުވަހު ހުށަހެޅި ގަރާރުގައި އެ ޕާޓީގެ މެންބަރުން ބުނެފައިވަނީ ނާޒިމް މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި، ފިތުނަ އުފައްދައި، މަޖިލީހުގެ މަސްލަތު ނަގާލަން މަސައްކަތްކޮށްފައިވާ ކަމަށެވެ.

އެކަމަކު، ބޮޑު ތިން ތުހުމަތުކުރީ ކީއްވެ ކަމެއް އެ ގަރާރުގައި ސާފުކޮށް ބަޔާންކޮށްފައެއް ނުވެއެވެ.

އެއަށް ފަހު، ދައުރު ދަންމާލައިގެން މި ދައުރުގެ ތެރޭ ނާޒިމް ވަކިކުރަން ވޯޓަށް އަހަން ޖަލްސާ ފަށަން ކުޑަތަންވެފައި އޮއްވާ، ނާޒިމް ވަނީ އިސްތިއުފާދެއްވާފައެވެ. އެހެންވެ، އާ ނައިބު ރައީސަކު ހޮވަން މި މަހުގެ ފުރަތަމަ ދުވަހު ބޭއްވި ޖަލްސާގައި ޕީއެންސީން ވަނީ އެ މަގާމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އިންތިޚާބުކޮށްފައެވެ. އެއީ، މި ވަގުތު މަޖިލީހުގައި ހުންނެވި އެންމެ ތަޖުރިބާކާރު އެއް މެންބަރެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނާޒިމް ވަކިކުރަން ޕީއެންސީން ނިންމީ މަޖިލީހުގެ 23 މެންބަރަކާ އެކު، ރައީސް މުއިއްޒު މަގާމުން އަޒުލުކުރަން ވޯޓެއް ނަގަން ތައްޔާރުވާތީ ކަމަށް ތުހުމަތުކުރައްވާފައެވެ. އެކަމަކު، އެ ތުހުމަތުތައް ޕީއެންސީން ދޮގު ކުރެއެވެ. އަދި، މަޖިލީހުގެ މެންބަރުން ތިބީ ”ގަދަކޮށް“ ސަރުކާރާ އެކުގައި ކަމަށް ޕީއެންސީން ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ.

އެހެންވިޔަސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެސް ވަނީ ޕީއެންސީގެ މެންބަރުންތަކެއް ޕާޓީ ދޫކޮށް، ސަރުކާރާ ދެކޮޅަށް ނުކުންނަން ތައްޔާރަށް ތިއްބެވި ކަމަށް ވިދާޅުވެފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ އެކު އެމްޑީޕީގެ ކުރީގެ ދެ ރައީސުން އުފެއްދެވި އިއްތިހާދުން އެ ފަދަ ވާހަކަތަކެއް ދައްކަވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެ ގޮތުން، މި އަހަރު ނިމުމުގެ ކުރިން މި ވެރިކަން ބަދަލުކުރާނެ ކަމަށް ކުރީގެ ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވިއިރު، ޞާލިޙް ވެސް މި ފަހުން ވަނީ އެ ބީދާއިން ވާހަކަފުޅު ދައްކަވާފައެވެ.

މަޖިލީހުގެ ނައިބު ރައީސްކަމަށް ސަލީމް އިންތިޚާބުކުރަން ނެގި ވޯޓުގައި ވެސް ޕީއެންސީގެ މެންބަރުންތަކެއް އެމްޑީޕީއަށް ވޯޓުދެއްވިކަމަށް ތުހުމަތުކުރެވިފައިވެއެވެ.

އެ ގޮތުން، ޖުމުލަ 74 މެންބަރުން ބައިވެރިވި ވޯޓުގައި ސަލީމް ކާމިޔާބުކުރެއްވީ 62 މެންބަރުންގެ ވޯޓެވެ. އެމްޑީޕީން ކުރިމަތިލެއްވި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދަށް 10 މެންބަރަކު ވޯޓު ދެއްވިއިރު، ބާތިލު ދެ ވޯޓު ވެސް ހިމެނެއެވެ.

ޕީއެންސީގެ ބައެއް މެންބަރުން އެމްޑީޕީއަށް ވޯޓު ދިންކަމުގެ ތުހުމަތުވާ ސަބަބަކީ، 12 މެންބަރުން ތިއްބަވާ އެމްޑީޕީގެ ފަރާތުން އެ ދުވަހުގެ ޖަލްސާއަށް ވަޑައިގެންނެވީ އަށް މެންބަރުން ކަމަށްވުމެވެ. ޕީއެންސީގެ މެންބަރުންނާއި އަމިއްލަ ދެ މެންބަރުން ވެސް ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވިއިރު، ޖުމްހޫރީ ޕާޓީއާއި އެމްއެންޕީއާއި އެމްޑީއޭ ތަމުސީލުކުރައްވާ މެންބަރުން ވަޑައިގެންފައެއް ނުވެއެވެ.

އެހެންވެ، އެމްޑީޕީ ނޫން އިތުރު ދެ މެންބަރަކު ވަނީ ޒިޔާދަށް ވޯޓު ދެއްވާފައެވެ. އަދި ބާތިލު ދެ ވޯޓު ވެސް އޮތުމުން އެ ކަމާ ބައެއް މަޖިލީސް މެންބަރުން ސުވާލު އުފައްދާފައިވެއެވެ. އެކަމަކު، މި މައްސަލައިގައި ޕީއެންސީން އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!