ޓްރާންޝިޕްމަންޓް ބަދަރުން ފަތުރުވެރިކަމާއި އެއްވަރުގެ އާއްމް ދަނީއެއް ލިބޭނެ: ފައްޔާޒު
ދެންމެ | 26 ސެޕްޓެމްބަރ 2022

އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ހެދިފައި އޮތްނަމަ ފަތުރުވެރިކަމާއި އެއްވަރުގެ އިންޑަސްޓްރީއެއް ރާއްޖޭގައި އުފެދުނީސް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ހަވާލުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، ރާއްޖޭގައި ޓްރާންޝިޕްމަންޓް ބަނދަރެއް ހެދުން މާ ބޮޑަށް ލަސްވެއްޖެ ކަމަށާއި މީގެ 10 އަހަރު، 15 އަހަރު ކުރިން އެކަން ކުރެވުނު ނަމަ ޓޫރިޒަމްއިންޑަސްޓްރީއާ ހަމަ އެއްވަރުގެ ބޮޑު ސިނާއަތެއް ދިވެހިރާއްޖޭގައި ގާއިމު ކުރެވުނީސް ކަމަށެވެ.

ރާއްޖޭގައި ޓްރާންޝިޕްމަންޓް ބަނދަރެއް ހެދުމާއި ގުޅޭ ދިރާސާ އެއް ސަރުކާރުން ކުރި ކަމަށާއި އެ ދިރާސާ އިން ޓްރާންޝިޕްމަންޓް ބަނދަރެއް ފުރުސަތު މިހާރު ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށް ހާމަވެފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ޓްރާންޝިޕްމަންޓް ބަނދަރު ހެދުން މާ ބޮޑަށް ލަސްވެފައިވީ ނަމަވެސް އެ މަސައްކަތަށް އަދިވެސް ފުރުސަތު އެބައޮތްކަން ދިރާސާ އިން އެނގިފައިވާ ކަމަށެވެ. އެގޮތުން ލޮޖިސްޓިކްސް އާއި ބަންކަރިން އާއި އަދި އެއާ ވިދިގެން އިތުރު ސިނާއަތްތަކެއް އުފެއްދިދާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.

”އިންވެސްޓްމަންޓް ބޮޑު ކިތަންމެހާ ވެސް. އެހެން ނަމަވެސް އެ ދިރާސާގެ އަލީގައި އަޅުގަނޑުމެން މިދަނީ އެ މަސައްކަތް ވެސް ކުރެވޭނެ ގޮތްތަކެއް ރާވަމުން،“ ފައްޔާޒު ވިދާޅުވި އެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ އިހަންދިއްޕޮޅުގެ ތަރައްގީގެ މަޝްރޫއާއެކު ވަރަށް އަވަހަށް އެ ދާއިރާ އަަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންނާއި ބައްދަލު ކުރައްވާނެ ކަމަށެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުން، ޓްރާންޝިޕްމަންޓް ބަނދަރާއި ބަންކަރިން އަދި އިތުރު ޕްރޮޖެކްޓްތައް ހިންގަން ވަރަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ހެދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ހަދަން ނިންމައި އިންވެސްޓަރަކު ހޯދަން ވެސް އިއުލާނުކޮށްފައިވާކަން ފާހަގަކުރެވެއެވެ. އުތުރުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!