އިއްޔެ އައްޑޫއިން ދެއްކި ނަތީޖާ ގަބޫލުކުރަން ވެރިކަން ކުރާ ޕީއެންސީން ދެކޮޅު ހަދާކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީއަށް ފާޑުވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި- އިލެކްޝަނުގައި 62 ވޯޓުގެ ތަފާތަކުން ސަރުކާރުގެ ކެންޑިޑޭޓް ބަލިކޮށް އެގޮނޑި ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީގެ މެމްބަރު އަބްދު ﷲ ސާދިގު (ސޯބެ) އެވެ.
އިންތިހާބުން އެމްޑީޕީއަށް ލިބުނު ކާމިޔާބީގެ ވާހަކަ ގއ. ގައްދޫގައި ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނަށް ސަރުކާރު ނިކުތީ މުޅި ދައުލަތް އެ ދާއިރާއަށް އަރިކޮށްލައިގެން ކަމަށެވެ. އެގޮތުން ފައިސާ ބަހައި، ފޯރުވެން އޮތް ނުފޫޒެއް ދިޔައީ ފޯރުވަމުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެހެންނަމަވެސް އިންތިހާބުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ފިސާރި ބައްޔަކުން ބަލިވެ އަމިއްލަ ސަރުކާރުގެ ކަށްވަޅު ކޮނެފައިވާކަމަށް ނަޝީދު ސިފަކުރެއްވި އެވެ. އަދި ދެން އެމްޑީޕީން ކުރަން އޮތްކަމަކީ މި ސަރުކާރު ވަޅުލައިދިނުންކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
”ރައީސް މުއިއްޒު އެހުރީ ފިސާރި ރަނގަޅަށް ބަލިވެފައި، އަޅުގަނޑުމެން މިހާރު ކުރާން އޮތް ކަމަކީ ވަޅުލުން. އެއޮތީ މާ ރަނގަޅަށް ކަށްވަޅުވެސް ކޮނެވިފައި، ސަންދޯން އެހެރީ މާ ރަނގަޅަށް ޖެހިފައި. މިހާރު އެމަނިކުފާނު ބުއްދިވެރިއްޔާ އަމިއްލަފުޅަށް ސަންދޯކަށް އެރިވަޑައިގަންނަވާނެ، އަޅުގަނޑުމެން ކަށްވަޅަށް އެ ލައިދޭންވީ،“ ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޑީޕީއަށް ތާއީދުކުރާ ގިނަ އަދަދެއްގެ ރައްޔިތުން ތިބި ނަމަވެސް، ވަޒީފާގެ ބިރުވެރިކަމުގެ ސަބަބުން ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވާން ޖެހިލުންވާ ކަމަށެވެ.
އިއްޔެ އިންތިހާބުން ބަލިވުމުން ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވީ އިއްޔެ ބޭއްވި އިންތިހާބުގައި ހިތަދޫން އިން ލަދުވެތިގޮތަކަށް ސޯބެ ބަލިކޮށްފައިވާކަމަށެވެ. އަދި މުޅި އެމްޑީޕީއެކުގައި އައްޑޫ ސިޓީއަށް އެރުމުންވެސް ސޯބެ ބަލިވީކަމަށް ފަލާހް ވިދާޅުވި އެވެ.
އިއްޔެގެ ނަތީޖާއިން ހާމަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އައްޑޫ ސިޓީން އޮތް އިތުބާރާއި ލޯބި ކަމަށާއި 2028 ގައި އައްޑޫ ވެގެންދާނީ ޕީއެންސީގެ ކިއްލާއަކަށްކަމަށްވެސް ފަލާހް ވިދާޅުވި އެވެ.



