އެމްޑީޕީ ޗެއަރޕާސަން އިންތިހާބު ކާމިޔާބުކޮށް ވެރިކަން ވައްޓާލާނެކަމުގެ އިންޒާރު ރައީސް ނަސީދު ދީފި
ދެންމެ | 12 ޖޫން 2026

އެމްޑީޕީގެ ލަޝްކަރު އަލުން ރުކުރުވައިލެވިފައިވާ ކަމަށާއި، މިއަދު ބާއްވާ އެ ޕާޓީގެ އެތެރޭގެ އިންތިޚާބު ކާމިޔާބުކުރައްވައި، މިހާރު އޮތް ސަރުކާރު އެމްޑީޕީން ބަލިކޮށް ވައްޓައިލާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގެ ކެމްޕެއިން ނިންމާލުމުގެ ގޮތުން މިރޭ ބޭއްވި ހިނގައިލުމަށްފަހު، އާޓިފިޝަލް ބީޗުގައި ސަޕޯޓަރުންނާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ނަޝީދަށް ތާއީދުކުރާ އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވި މި ހިނގައިލުމަށްފަހު ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ އަޒުމެއް ނުގުޑާނެ ކަމަށާއި ހިތްވަރު ވެސް ބައްޔެއް ނުވާނެ ކަމަށެވެ.

”އަޅުގަނޑުމެންގެ ހިތްވަރު ބައްޔެއް ނުވާނެ. އަޅުގަނޑުމެން އޭނާ (ރައީސް މުޢިއްޒު) ބަލިކުރާނަން، އަޅުގަނޑުމެން އޭނާ ވައްޓައިލާނަން. އަޅުގަނޑުމެން ދާނީ ކުރިއަށް، ބާރަށް ކުރިއަށް،“ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ބަދަލުކުރައްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވަމުން ނަޝީދު ވިދާޅުވިއެވެ.

ހިނގައިލުމުގެ ތެރެއިން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނަޝީދު ވަނީ، އެމްޑީޕީގެ ހުރިހާ މެންބަރުން މިއަދު ނިކުމެ، ފޯރިއާއެކު ވޯޓުލުމުގައި ބައިވެރިވުމަށް އިލްތިމާސްކުރައްވައިފައެވެ. އަދި އިންތިޚާބުން ނާކާމިޔާބުވެވަޑައިގެންފި ނަމަ ޕާޓީ ދޫކުރައްވައި ވަޑައިގެންފާނެތޯ ސުވާލުކުރުމުން އެމަނިކުފާނު ވިދާޅުވީ، އިރާދަކުރެއްވިއްޔާ ނާކާމިޔާބީއާ ކުރިމަތިލާން ނުޖެހޭނެ ކަމަށާއި، އެއީ އުފެދޭ ސުވާލެއްވެސް ނޫން ކަމަށެވެ.

ވާދަކުރައްވާ ކެންޑިޑޭޓުން: ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް.

މި މަގާމަށް ކުރިން ވާދަކުރައްވާނެކަން އިޢުލާނު ކުރެއްވި އިބްރާހީމް މުޙައްމަދު ވަނީ، މީކާއީލަށް ތާއީދުކުރެއްވުމަށް ނިންމަވައި ނަން އަނބުރާ ގެންދަވައިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!