މިއީ އަޅުގަނޑުމެން ތަސައްވުރުކުރި އެމްޑީޕީއެއް ނޫން: މީކާއީލް
ދެންމެ | 12 ޖޫން 2026

ވޯޓުލެއްވުމަށްފަހު ވިދާޅުވީ މިހާރު ފެންނަމުންދަނީ އޭނާ ތަސައްވުރުކުރި އެމްޑީޕީ ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް މީކާއީލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ވޯޓުލެއްވުމަށްފަހު ނޫސްވެރިންނަާއި ވާހަކަދައްކަވަމުން މީކާއިލް ވަނީ އިންތިޚާބުގެ ތެރެއިން ހިތާމަވެރި ކަންތައްތަކެއް ފެންނަމުންދާކަން ފާހަގަކުރައްވައި، ބައެއް ރަށްރަށުގައި އޭނާގެ މަންދޫބުންނަށް ފާސް ދޫނުކުރުމާއި، ވޯޓާސް ލިސްޓު އޮޅުވާލުން ފަދަ ބޮޑެތި ޝަކުވާތަކެއް ކުރައްވާފައެވެ.

މީގެ އިތުރުން ބައެއް ރަށްރަށުގައި ފަޅާލާފައި ހުރި ވޯޓު ފޮށިތަކަށް ވޯޓުލުން ކުރިއަށް ގެންދާކަން ފާހަގަކުރައްވައި، މީކާއީލް ވިދާޅުވީ މިއީ ދުވަހަކުވެސް ޕާޓީގެ އެތެރޭގެ އިންތިޚާބެއްގައި ދެކެން ބޭނުންވި މަންޒަރެއް ނޫން ކަމަށެވެ. އޭނާ ވަނީ އިންތިޚާބު ކޮމިޓީން އިންތިޚާބުގެ ސައްޙަކަން ކަށަވަރުކުރުމަށް ގޮވާލައްވާފައެވެ. އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނީ ޕާޓީގެ އެތެރޭގެ އިންތިޚާބުތަކުގެ ހަމަހަމަކަން ކަށަވަރުކޮށްގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިފަހަރުގެ ޗެއާޕާސަން އިންތިޚާބުގައި މީކާއީލްގެ އިތުރުން ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އިބްރާހީމް މުޙައްމަދު (ވާޑޭ) ވާދަކުރައްވައެވެ. ޖުމްލަ 50,176 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މި އިންތިޚާބުގެ ވޯޓުލުން ރާއްޖޭގެ އެކި ކަންކޮޅުތަކާއި ސްރީލަންކާގައި ހިމެނޭހެން 241 މަރުކަޒެއްގައި ކުރިއަށްދެއެވެ. މިއީ އެމްޑީޕީގެ ތާރީޚުގައި ބާއްވާ އެންމެ ފޯރިގަދަ އެއް އެތެރޭގެ އިންތިޚާބެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!