ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ މެދު އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މިއަދު ބޭއްވި އެތެރޭގެ އިންތިހާބުގައި ވޯޓުލެއްވުމަށްފަހު، ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ޕާޓީގެ އެތެރޭގެ އިންތިހާބާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ޗެއާޕާސަންގެ މަގާމަށް އިންތިހާބުވާ ކޮންމެ ބޭފުޅަކަށްވެސް ފުރިހަމަ އިހުތިރާމު އަދާކުރައްވާނެ ކަމަށެވެ. އަދި އިންތިހާބު ކާމިޔާބު ކުރައްވާ ބޭފުޅެއްގެ ފަހަތްޕުޅުގައި ސާބިތުކަމާއެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.
ސިޔާސީ ޕާޓީތަކުން ރިޔާސީ ރޭހަށް ނެރެނީ އެންމެ ކެންޑިޑޭޓެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ކޮންމެވެސް ބޭފުޅަކު ވާދަކުރައްވާނެ ކަމަށާއި، ކުރިއަށް އޮތް ދައުރުގައިވެސް އޮންނާނީ އެމްޑީޕީގެ ވެރިކަމެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
މި އިންތިހާބުގައި ރައީސް ސޯލިހު ތާއީދު ކުރައްވަނީ މީކާއީލް އަހުމަދު ނަސީމަށެވެ. މި މަގާމަށް ދެން ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
އިންތިހާބުގެ ފޯރިގަދަ ކެމްޕެއިނާ ގުޅިގެން ހިނގާދިޔަ ބައެއް ކަންކަމަށް އިޝާރާތް ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ރައީސް ނަޝީދާ ދެމެދު އެއްވެސް ޒާތީ މައްސަލައެއް ނެތް ކަމަށާއި، ކުރިމަގުގައި ވެސް ދެ ބޭފުޅުން އެކުގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު އޮތް ކަމަށެވެ.



