މީގެ އަހަރުތަކެއް ކުރިން މަދީނާގެ އަންސާރީންނާއި މުހާޖިރުން ދެއްކެވި ފަދަ ލާމަސީލު އެކުވެރިކަމާއި، އޯގާތެރިކަމާއި، އެކަކު އަނެކަކަށް އެހީތެރިވުމުގެ މަތިވެރި ރޫހު މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި މުޖުތަމަޢުގައި ދިރުވަން ޖެހޭ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބާގައި ފޮނުއްވި ހިތާބުގައި ރައީސް ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން މަދީނާގެ އަންސާރީންނާއި (މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި) މުހާޖިރުން ދެއްކެވި ފަދަ ލާމަސީލު އެކުވެރިކަމާއި އޯގާތެރިކަމާއި، އެކަކު އަނެކަކަށް އެހީތެރިވުމުގެ މަތިވެރި ރޫހު ކުޑަކުޑަ ދިވެހި މުޖުތަމައުގައި މިއަދު ދިރުވަން ޖެހޭ ކަމަށެވެ.
ސިޔާސީ އަދި އިޖުތިމާއީ ހިޔާލުތަފާތުވުންތަކާއި ބައިބައިވުންތައް އެއްކިބާކޮށް، ހުރިހާ ކަމަކަށް ވުރެ ކުރިއަށް ގައުމީ މަސްލަހަތު ނެރުމަކީ މިއަދު ފާހަގަކުރާ ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބަތުން ހާސިލުކުރަންވީ އެންމެ މުހިންމު ފިލާވަޅު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
”އެހެންކަމުން، މިއަދު އަޅުގަނޑުމެންވެސް އަޒުމް ކަނޑައަޅަންވީ، އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކާއި މުޖުތަމައު އިސްލާހުކޮށް، ނޭދެވޭ އެންމެހައި ކަންކަމުން ދުރުވެ، ހެޔޮކަމުގެ މަގަށް، ހިތާއި ނަފްސުން ހިޖުރަކުރުމަށެވެ،“ ރައީސް ވިދާޅުވި އެވެ.
މި ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތަކީ، އަދި އެންމެ މުހިންމު އެއް އަމާޒަކީ، އިސްލާމީ ސައްހަ އަހީދާގެ ބިންގަލުގެ މަތީގައި، އަދި ދިވެހިވަންތަ ރިވެތި އަހުލާގުގެ މަތީގައި ބޮޑުވާ، ދީނާއި ގައުމަށް ވަފާތެރި ޖީލެއް ބިނާކުރުން ކަމަށާއި މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ، އިސްލާމީ މަތިވެރި އުސޫލުތައް ހިމާޔަތްކޮށް، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ނަގަހައްޓައި، ހުރިހާ ރައްޔިތުންނަށް އަދުލުވެރިކަމާއި ހަމަހަމަކަން ކަށަވަރުކޮށްދިނުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
މި ފެށުނު އާ އަހަރަކީ ރާއްޖޭގެ އިގުތިސާދު އާރާސްތުކޮށް އިޖުތިމާއީ ފޭރާން ވަރުގަދަކުރަން ލިބޭ އާ ފުރުސަތެއް ކަމަށާއި ދުނިޔެއަށް ކުރިމަތިވަމުންދާ އެކިކަހަލަ ގޮންޖެހުންތަކުން އަރައިގަނެވޭނީ އާ އީޖާދުތަކާއެކު ހީވާގިކަމާއި މުރާލިކަމާއެކު މަސައްކަތްކޮށްގެން ކަމަށް ވެސް ހިތާބުގައި އެމަނިކުފާނު ވިދާޅުވި އެވެ.
އިސްލާމީ އުސޫލުތަކާއި ދިވެހިވަންތަ ސަގާފަތް ދަމަހައްޓައި އިގުތިސާދި ގޮތުންނާއި އިޖުތިމާއީ ގޮތުން ރާއްޖެ އާ އުސްމިންތަކަކަށް ގެންދަން ހުރިހާ ރައްޔިތުން އެކުއެކީގައި އާ އަޒުމެއްގައި މަސައްކަތް ކުރަން އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ.



