އެއް ޖަލުގެ ކޮންސެޕްޓްގެ މަސައްކަތް ފަށައިފިން: އިހްސާން
ދެންމެ | 16 ޖޫން 2026

ވަން ޕްރިޒަން ކޮންސެޕްޓްގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން، އެކި ކޯސްތައް ފުރިހަމަކުރި ގައިދީންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ދުވަސްތަކަކަށްފަހު ވަން ޕްރިޒަން ކޮންސެޕްޓްގެ މަސައްކަތް މިހާރު ފަށައިގަނެވިފައިވާ ކަމަށެވެ.

ދެ އަހަރު ދުވަހެއްގެ ތެރޭގައި މިހާރު ކުރިމަތިވަމުންދާ ޖާގައިގެ ދަތިކަމާއި އިންފްރާސްޓްރަކްޗާގެ މައްސަލަތަކަށް ވެސް ހައްލެއް ލިބިގެންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

އަދި ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގައި ބައިވެރިވެ، އެ ޕްރޮގްރާމްގައި ހޭދަކުރާ ކޮންމެ ދުވަހެއް، އެ ގައިދީއެއްގެ ޖަލު ހުކުމުން އުނިވާ ދުވަހެއްގެ ގޮތުގައި ހެދުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

”މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. ޖަލުގައި ގައިދުކޮށްގެން މީހުން ގިނަ ދުވަސްތަކެއް ވަންދެން ގެންގުޅެންޖެހޭއިރު، އެ ތަނުގެ މަގްސަދަކަށް ވާންޖެހޭނީ މީހުން ގެންގުޅެފައި ތިބިގޮތަށް ދޫކޮށްލުމެއް ނޫން,“ ވަޒީރު ވިދާޅުވި އެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ޖަލަށް އަންނަ ކޮންމެ ރައްޔިތަކީ ޖަލުން ނިކުމެގެން ދާއިރުގައި މުޖްތަމައުއަށް ބޭނުންތެރި، މުޖްތަމައިން އެ މީހަކަށް އިހްތިރާމްކުރާ އަދި އެމީހުންގެ އާއިލާތަކުން ބަލައިގަންނަ މީހަކަށްވާން ވާނެ ކަމަށެވެ.

މުޖްތަމައުގައި އާމްދަނީއެއް ހޯދައިގެން އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ އަދި ދެން އަނބުރާ މިފަދަ ފެސިލިޓީއަކަށް ނާންނާނެ ކަމުގެ ފުރިހަމަ އަޒުމާއެކުގައި ނިކުންނަ މީހެއް ކަމުގައިވުމަށް ވަޒީރު ވަނީ އެދިވަޑައިގެންފަ އެވެ.

މި ރަސްމިއްޔާތުގައި ވަޒީރު ވަނީ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން އަލަށް ތައާރަފްކުރި “ސެޓްފިކެޓް 1 އިން ގިރާތު” އިފްތިތާހުކޮށްދެއްވާފަ އެވެ.

އަދި މި ކޯހުގެ ދެ ބެޗްގައި ޖުމްލަ 67 ގައިދީން ވަނީ ބައިވެރިވެފައެވެ. މިއީ އައިކޯސްޓްއިން ގިރާތު ކޯސް އެހެން އިންސްޓިޓިއުޓެއްގެ އެހީތެރިކަމާ ނުލާ ހިންގާ ފުރަތަމަ ފަހަރެވެ. މީގެ އިތުރުން، އައިކޯސްޓްއިން ކުރިއަށް ހިންގުމަށް ރޭވިފައިވާ ކޯސްތައް ވެސް ވަޒީރު އިފްތިތާހު ކޮށްދެއްވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!