އިޒްރޭލުން، ފަލަސްތީނުގެ ބިންތަކުގައި ހިންގަމުންދާ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތަކަށް އެ ގައުމު ޖަވާބުދާރީކުރުވައި، އެއްވެސް އަދަބެއް ނުލިބި ސަލާމަތްވުމުގެ ސަގާފަތް ނިމުމަކަށް ގެނައުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ރާއްޖެއިން ގޮވާލައިފިއެވެ.
ޖެނީވާގައި މިއަދު ކުރިއަށްދިޔަ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 62 ވަނަ ސެޝަންގައި، ފަލަސްތީނުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ މިނިވަން ބައިނަލްއަގުވާމީ ކޮމިޝަން އޮފް އިންކުއަރީއާއެކު ބޭއްވި ބަހުސްގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަމުން ޖެނީވާގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު އެމްބަސެޑަރު ޑރ. ސަލްމާ ރަޝީދު ވިދާޅުވީ އިޒްރޭލުން، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތަކާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް އަޅަމުންދާ ހުރަސްތައް ދިވެހި ސަރުކާރުގެ ނަމުގައި ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އަދި ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އިޒްރޭލުން އުފުލަންޖޭހޭ ޒިންމާތަކަށް ފުރިހަމައަށް ބޯލެނބުމަށާއި، އާންމު ރައްޔިތުންނާއި އާންމުން ދިރިއުޅޭ ތަންތަނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭކަމަށް ރާއްޖޭގެ ފަރާތުން އިއްވި ބަޔާނުގައި ސަލްމާ ވިދާޅުވިއެވެ. މީގެ އިތުރުން، އެއްވެސް ހުރަހެއް ނެތި، ރައްކާތެރިކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ދިނުމަށްވެސް ސަލްމާވަނީ ގޮވާލައްވައިފައެވެ.
އިޒްރޭލުން، ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފުވަމުންދާއިރު، އެއްވެސް އަދަބެއް ނުލިބި ސަލާމަތްވުމުގެ ސަގާފަތް ނިމުމަކަށް ގެނެސް، އެގައުމު ޖަވާބުދާރީކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރަންޖެހޭކަމަށް ބަޔާނުގައި ސަލްމާ ވިދާޅުވިއެވެ.
ފަލަސްތީނުގެ މައްސަލައަށް އިންސާފުވެރި، ދެމެހެއްޓެނިވި އަދި ސުލްހަވެރި ހައްލެއް ހޯދުމަށް ބޭނުންވާ މާހައުލެއް ގާއިމުކުރުމަށް ގޮވާލަމުން، ފަލަސްތީނުގެ ރައްޔިތުންގެ އަމިއްލަ އިހުތިޔާރުގައި ގޮތް ނިންމުމުގެ ހައްގަށް އިހުތިރާމްކުރުމަށްވެސް ރާއްޖޭގެ ފަރާތުން ސަލްމާ ވަނީ ގޮވާލައްވައިފައެވެ.
އިޒްރޭލުގެ ޣައިރު ގާނޫނީ އަމަލުތައް ނިމުމަކަށް ގެނައުމަށާއި، 1967 ގެ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ކުރާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެކަމަށް ސަލްމާ ވިދާޅުވިއެވެ.



