ރޭގެ މެޗުން ނެރެވުނީ އުއްމީދު ކުރި ނަތީޖާއެއް ނޫން ކަމަށާ ކުރިއަށް އޮތް ތަނުގައި ހިތްވަރާއެކު ކާމިޔާބީއަށް ވާސިލް ވުމަށް އިތުރަށް މަސައްކަތް ކުރާނެ ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނަލްޑޯ ބުނެފިއެވެ.
ވޯލްޑް ކަޕް ގްރޫޕް ކޭގެ ފުރަތަމަ މެޗުގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާ ޕޯޗުގަލް ވާދަކޮށް 1-1 އިން ވަނީ އެއްވަރުވެފައެވެ.
އެމެރިކާގެ ހިއުސްޓަންގައި ކުޅުނު މި މެޗަށްފަހު ރޮނަލްޑޯގެ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިއީ އެ ޓީމުން އުއްމީދު ކުރި ފަދަ ފެށުމެއް ނޫން ނަމަވެސް، މުބާރާތް އަދި ނިމުމާ ގާތްވެސް ނުވާ ކަމަށެވެ. އަދި ހިތްވަރާއެކު، ދެން އޮތް މެޗަށް ފޯކަސް ކުރުމަށް އޭނާ ވަނީ އެދިފައެވެ.
އެމެރިކާގެ ހިއުސްޓަން ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅާ ފަހުކޮޅިގައި ދެ ޓީމުގެ ފަރާތުން ވެސް ގޯލެއް ފެނުނެވެ.
މެޗު ފެށިގެން ހަވަނަ މިނެޓުގައި ޕޯޗުގަލްއިން ވަނީ ލަނޑެއް ޖަހައި ކުރިހޯދާފަ އެވެ. މި ލަނޑަކީ ޕެޑްރޯ ނެޓޯ ތަނަވަސްކޮށްދިން ފުރުސަތަކުން، ޔޮއާއޯ ނޭވޭސް ބޮލުން ފޮނުވާލައިގެން ޖެހި ލަނޑެކެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ފަހު މިނެޓުގައި އާތަރ މަސުއާކޫ ހުރަސްކޮށްދިން ބޯޅައަކުން ޔޮއާން ވިއްސާ ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި ކޮންގޯއަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
ދެވަނަ ހާފުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މެޗުގައި އޭނާގެ ފުރަތަމަ ހަމަލާ އުފައްދާފަ އެވެ.
ޕެޑްރޯ ނެޓޯ ނަގައިދިން ބޯޅަ އަށް ޕެނަލްޓީ އޭރިއާ ތެރެއަށް ދުވެފައިގޮސް، ފޮނުވާލި ހަމަލާ ދިޔައީ ގޯލާ ދަނޑިކައިރން ބޭރަށެވެ.
މުޅި މެޗުގައިވެސް ރޮނަލްޑޯ ކުޅެފައިވާއިރު، މިއީ އޭނާއަށް ނުހަނު އުނދަގޫ މެޗަކަށް ވެގެންދިޔައެވެ. މެޗުގެ ދެވަނަ ހާފުގައި ޕޯޗުގަލްއިން ބޯޅަ ހިފަހައްޓައިގެން ގިނަ ވަގުތު ކުޅުނު ނަމަވެސް، ކޮންގޯގެ ޑިފެންސް ފޫއަޅުވާލައި އިތުރު ލަނޑެއް ޖެހޭގޮތް ވަނީ ނުވެފައެވެ. ކޯޗު ރޮބާޓޯ މާޓިނޭޒް، ފްރެންސިސްކޯ ކޮންސެއިސާއޯ ކުޅެން އެރުވުމުން ޓީމުގެ ހަމަލާތަކަށް ކޮންމެވެސް ވަރެއްގެ ބާރުމިނެއް އައި ނަމަވެސް، ނަތީޖާއަށް ބަދަލެއް ނުގެނެވުނެވެ.
މި މެޗުގައި ޕޯޗުގަލް ފެއިލްވި މައިގަނޑު ސަބަބުތަކަށް ބަލާއިރު، ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ނުކުރެވުމާއި، ޑިފެންސްލައިނުން ހެދި ގޯސްތައް ފާހަގަކޮށްލެވެއެވެ. ވަކިން ހާއްސަކޮށް، މެދުތެރެއާއި ކުރިމަތީލައިން ގުޅުވައިދޭނެ އުފެއްދުންތެރި ކުޅުމެއް ނުފެނުމަކީ ދަށް ކުޅުމެއް ފެނުނު އެންމެ ބޮޑު އެއް ސަބަބެވެ.
މީގެ އިތުރުން، ޕޯޗުގަލްގެ ކުޅުންތެރިން މެޗަށް ނުކުތީ މާ ބޮޑަށް އިތުބާރު ބޮޑުވެ، ފަސޭހަކޮށްލައިގެން ތިބެގެން ކަން މެޗުން އެނގިގެންދިޔައެވެ. މިއާ ހިލާފަށް، ޑީއާރު ކޮންގޯއިން ދެއްކީ ހިތްވަރުގަދަ، ކުޅުމެކެވެ.



