މުއިއްޒު ކުޅިކުޅުނު ގޮތުން ރައީސް ޔާމީންގެ މުޅި ސަހްސު ކަތިލުން!
ދެންމެ | 08 އޯގަސްޓް 2023

ޖަލުގައި މިވަގުތު ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބަދަލުގައި އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށްވުމުގެ ފުރުސަތު މިދިޔަ ބުރާސްފަތި ދުވަހު ހުޅުވައިލުމުން، ޕީޕީއެމް/ޕީއެންސީގެ ލީޑަރުން އަވަސްވެގަތީ ފުރުސަތުގެ ބޭނުން ހިފުމަށެވެ.

ރައީސް ޔާމީންގެ ރޭއްވެވުމަކީ، އެމަނިކުފާނަށް އިންތިހާބުގައި ވާދަ ނުކުރެވޭ ހާލަތުގައި ޕީޕީއެމްގެ ސިސްޓާ ޕާޓީ ޕީއެންސީގެ ކެންޑިޑޭޓެއް ނެރުން ކަމަށް އަޑުފެތުރުނެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓަކު ހޮވުމުގެ އިންތިޒާމް ވަގުތުން ހަމަޖެއްސި އެވެ.

ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކުރިން ވެސް ޝައުގުވެރިކަން ފާޅު ކުރައްވަމުން ގެންދެވި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު ހަމަ އެ ދުވަހު އިންތިހާބެއްގައި ވާދަކުރައްވައި، ދެ ވޯޓުގެ ފަރަގުން މޭޔަރު ކާމިޔާބު ހޯއްދެވި އެވެ.

އެކަމަކު، ޕީޕީއެމްގެ މެމްބަރު މުއިއްޒު އެ ޕާޓީން ވަކިވެ ޕީއެންސީގެ ކެންޑިޑެސީ ކަށަވަރު ކުރިފަހުން، ޔާމީންގެ ކެންޑިޑެސީއާމެދު ގޮތެއް ނިންމަން އެންމެ މަތީ ކޯޓުގައި އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހާމަވީ، ޕީއެންސީގެ ކެންޑިޑޭޓަކީ ޔާމީނަށް ތިން ވަނަ ބެކަޕް ޕްލޭން ކަމަށެވެ.

”ޕްލޭން ބީ އެ އޮތީ ސުޕްރީމް ކޯޓުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިފައި. ރައީސް ވެސް ބޭނުންފުޅު ވަނީ ޕީޕީއެމްގެ ކެންޑިޑޭޓެއް ނެރެން. އެކަމަކު، އެ ޕްރޮސެސް ދާނީ ކޮންމެ ގޮތެއް ވިޔަސް ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެންތާ،“ ޔާމީނަށް ވާދަ ނުކުރެވޭ ނަމަ އެ ޕާޓީގެ އެހެން ކެންޑިޑޭޓަކު ނެރެން ފުރުސަތު ހޯދުމަށް ކޯޓުގައި އެދިފައި އޮތް އޮތުން ތަފުސީލުކޮށްދެއްވަމުން ޕާޓީގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވި އެވެ.

މިހާރު، ޕީޕީއެމްގެ ސަޕޯޓަރުން ވިސްނަމުންދަނީ އެކަމާމެދެވެ. ޔާމީނަށް ވާދަ ނުކުރެވިއްޖެ ނަމަ ދެން ވާންޖެހޭ ގޮތުގެ ދެ ރޭވުމެއް ސަޕޯޓަރުންގެ ކުރިމަތީގައި އެބަ އޮތެވެ.

”ޕްލޭން ބީ އެ އޮތީ ސުޕްރީމް ކޯޓުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިފައި. ރައީސް ވެސް ބޭނުންފުޅު ވަނީ ޕީޕީއެމްގެ ކެންޑިޑޭޓެއް ނެރެން. އެކަމަކު، އެ ޕްރޮސެސް ދާނީ ކޮންމެ ގޮތެއް ވިޔަސް ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެންތާ،“ ނައިފަރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އަހުމަދު ޝިޔާމް ވިދާޅުވި އެވެ.

”ޕްލޭން ސީ މިދިޔައީ އޭގެ ކުރީގައި. ޕްލޭން ސީގަ ވާ ގޮތަކީ ޕީއެންސީގެ ކެންޑިޑޭޓެއް ޕްލޭން ސީގައި މި އޮތީ. އެނގިވަޑައިގަންނަވާނެ ޕީއެންސީއާ ޕީޕީއެމްއާ އެއްކޮށް މި މަސައްކަތް ކުރީ މިހާ ހިސާބަށް އެކަމަކު ކޮންމެ ގޮތެއް ވިޔަސް ޕީއެންސީން ކެންޑިޑޭޓެއް ނެރޭ ހިސާބުން އަޅުގަނޑުމެން ހެދިފައި އޮތް އަންޑަސްޓޭންޑިން އެ ދިޔައީ ޕީޕީއެމްއާ ޕީއެންސީއާ.“

މި ބަހުސް ފެށުމާއެކު މުއިއްޒުގެ ސަޕޯޓަރުންގެ އިތުރުން ޕީޕީއެމްގެ އާންމު ބައެއް މެމްބަރުންގެ ވެސް ގެންދަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.

”ރައީސް ޔާމީނަށް ކުރިމަތިނުލެވޭ ހާލަތެއްގައި ޕީޕީއެމުން އިތުރު ކެންޑިޑޭޓަކު ނުނެރޭނެ، ރައީސް ޔާމީން ގެ އެންގުމާ އެއްގޮތަށް ޕީއެންސީ އިން ބެކްއަޕް ކެންޑިޑޭޓަކު ތައްޔާރަށް އެހެރީ. އާންމު މެންބަރުންނަށް އޮޅޭ ގޮތައް ހަގީގަތާ ހިލާފު ވާހަކަ ނުދައްކަވާ،“ މުއިއްޒަކީ ޕްލޭން ސީ ކަމަށް ޕީޕީއެމްގެ ސަޕޯޓަރަކު ކޮށްފައިވާ ޓުވީޓަކަށް ރައްދު ދެމުން ޕީޕީއެމްގެ ސެނެޓަރު ހަމްދާން ޝަކީލް ލިޔުއްވި އެވެ.

ނަމަވެސް، ޔާމީނުގެ ލޯޔަރުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ވަނީ ހަމްދާން ވިދާޅުވީ ’ކަނޑައެޅިގެން ދޮގެއް‘ ކަމަށް ވިދާޅުވެ ރައްދު ދެއްވައިފަ އެވެ.

”އޮޅުވާނުލާ. ސުޕްރީމް ކޯޓު މައްސަލާގައި އީސީގެ ނިންމުމަށް ތާއީދުކޮށްފި ނަމަ ޕީޕީއެމުން އެހެން ކެންޑިޑޭޓެއް ނެރުމުގެ ފުރުސަތު ދިނުމަށް އީސީގެ މައްޗަށް އަމުރު ކޮށްދިނުމަށް ރައީސް ޔާމީނާއި ޕީޕީއެމް ގެ ފަރާތުން ވެސް ވަނީ އެދިފައި،“ ޝަމީމް ލިޔުއްވާފައިވެ އެވެ.

ޔާމީންގެ އަރިސް ބޭފުޅެއްކަމުގައިވާ ޒާހިދު ރަމީޒު (ޒާހިދު ކްރިއޭޓާ) ބުނީ ޕީޕީއެމް ކެންޑިޑޭޓެއް ކުރިމަތިލާނެ ފުރުސަތު ލިބިއްޖެ ހާލަތެއްގައި ޕީޕީއެމް ކެންޑިޑޭޓެއް ހުންނާނެ ކަމަށެވެ.

”ރައީސް ޔާމީން އަބަދުވެސް އެދިވަޑައިގަންނަވަމުން ގެންދެވީ ކެތްތެރިވުމަށެވެ. އެކަމަކު ބައެއް މީހުން ރައީސް ދައްކަވާ ވާހަކަ ގަބޫލު ނުކުރެވިގެން ވަގުތުނެތް ކަމަށް، އެންމެފަހުން ކެންޑިޑޭޓެއް ނުހުންނާނެ ކަމަށް ބުނަމުން ދާތީވެ ޕީއެންސީއިން ބެކްއަޕް ކެންޑިޑޭޓަކަށް ކަލޭމެން އަމިއްލައަށް ފެންނަ މީހަކު ނަގަން ބުނީއެވެ. ރައީސް ޔާމީން އެއްވެސް ބޭފުޅަކަށް ލަނޑެއް ނުދެއެވެ. އޮޅުވައެއްވެސް ނުލައެވެ،“ ޝަކީލް އަށް، ޒާހިދު ދިން ރައްދުގައި ބުނެފައިވެ އެވެ.

މި ޒުވާބު ހޫނުވެފައިވާއިރު، 38،000 އަށް ވުރެ ގިނަ މެމްބަރުން އީސީގެ ދަފުތަރުގައި ހިމެނޭ ޕީޕީއެމާ ދެކޮޅު ބައެއް އެކައުންޓު ތަކުން ވަނީ އެ ޕާޓީގެ އެތެރޭގައި ’ރެނދު ލާފައި“ ވާ ކަމަށްވެސް ބުނަން ފަށައިފަ އެވެ.

މުއިއްޒުގެ ރިޔާސީ ހުވަފެނާއި ކުރި ދަތުރު

ޕީޕީއެމް/ޕީއެންސީގެ ކެމްޕޭނުގެ ހަރަކާތްތައް ފެށިގެން އައި އިރު ވެސް ޑރ. މުއިއްޒު އިންތިހާބުގައި ކުރިމަތިލުމުގެ ޝައުގުވެރިކަން އޮތް ވާހަކަތައް ފެތުރުނެވެ. އެހެން ނަމަވެސް އޭރު އޭނާ ތަކުރާރުކޮށް އެވާހަކަ ދޮގުކުރެއްވި އެވެ.

ޔާމީނަށް ކުރިމަތިނުލެވޭ ހާލަތެއްގައި އިދިކޮޅު ކޯލިޝަނުން ކެންޑިޑޭޓަކު ނެރެން ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހޮވީ ބުރާސްފަތި ދުވަހު އެވެ. ޖުމްލަ 48 މެންބަރުން ތިއްބަވާ ޕީއެންސީގެ ސެނެޓުން މުއިއްޒަށް ލިބިވަޑައިގެންނެވީ 25 ވޯޓެވެ. މުއިއްޒުއާ ވާދަ ކުރެއްވި، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފަށް 23 ވޯޓް ލިބިވަޑައިގެންނެވި އެވެ.

އޭރު ޕީޕީއެމްގެ އިތުރު ކެންޑިޑޭޓެއްގެ ވާހަކައެއް ނީވެ އެވެ. މުއިއްޒު ޕީއެންސީގެ ޓިކެޓު ކާމިޔާބުކުރެއްވީ ޕީޕީއެމްގެ ނައިބު ރައީސްކަން ދޫކުރައްވައި ޕީއެންސީއާ ގުޅިވަޑައިގަތުމަށް ފަހު އެވެ.

ޕްލޭން ބީ އާއި ޕްލޭން ސީގެ ވާހަކައިން ވާނީ ކިހިނެއް

ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެންޑިޑެސީ ފޯމް ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ ހޯމަ ދުވަހު އެވެ. ޕީއެންސީގެ ކެންޑިޑޭޓު، މުއިއްޒުގެ ފޯމު ހުށަހަޅުއްވާނީ ސުޕްރީމް ކޯޓުގައި ކުރިއަށްދާ ޔާމީންގެ މައްސަލައިގެ ހުކުމް އަންނާނެ ގޮތަކަށް ބެލުމަށް ފަހު އެވެ.

އެ ހުކުމް އެންމެ ލަސްވެގެން މާދަމާ އިއްވާނެ އެވެ. ޔާމީންގެ ކެންޑިޑެސީ ފޯމް ބަލައި ނުގަންނަން އީސީން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި ނަމަ، އިދިކޮޅު ކެންޑިޑޭޓަކީ އެ މަނިކުފާނެ އެވެ. އިތުރު ބަހުސެއް، ދެބަސްވުމެއް ނޯންނާނެ އެވެ.

އެކަމަކު ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ޔާމީނާ ދެކޮޅަށް ނިމިއްޖެ ނަމަ، ޕްލޭން ބީ އާއި ޕްލޭން ސީގެ ބަހުސްއާއި މައްސަލަ ބޮޑުވާނެ ކަމަށް ބެލެވެ އެވެ. އެ ހާލަތަށް މިހާރު ފެންނާން ހުރީ މުއިއްޒެވެ. ނަމަވެސް މުއިއްޒުއާ ދެކޮޅަށް އިދިކޮޅު ކޯލިޝަންގެ ތެރޭގައި މޫވްމެންޓެއް ވަނީ އުފެދިފަ އެވެ.

”އެއީ ޕްރައިމަރީގެ ސަބަބުން އުފެދިގެން އުޅޭ ކަމެއް،“ ޕީޕީއެމްގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

ޕްލޭން ސީއަކީ މުއިއްޒު ކަމަށް ކަނޑައަޅައި، ޕްލޭން ބީއަށް މަސައްކަތް ކުރާނަމަ ޕީޕީއެމްގެ އަސާސީ ގަވާއިދަށް ބަދަލު ގެންނަން ޖެހެ އެވެ. ޔާމީން ފިޔަވައި އިތުރު މީހަކަށް ރިޔާސީ ޓިކެޓު ދެވޭނީ ޕްރައިމަރީންނެވެ. ނަމަވެސް ކެންޑިޑެސީ ފޯމް ހުށަހަޅަން ކުރިއަށް އޮތް ދެ ދުވަސްތެރޭގައި ޕްރައިމަރީ ނުބޭއްވޭނެތީވެ، ޕީޕީއެމްގެ އަސާސީ ގަވާއިދު ޖެހޭނީ އިސްލާހު ކުރާށެވެ.

ޕީޕީއެމްއިން ވަކިން ކެންޑިޑޭޓެއް ނެރޭނަމަ ސެނެޓަށް އެބާރު ދިނުމަށް އަސާސީ ގަވާއިދަށް ބަދަލެއް ގެންނަންޖެހޭނެ އެވެ. އެ ބަދަލު ގެނެވޭނީ ވެސް ސެނެޓުގެ އަގުލަބިއްޔަތުން ފާސްކޮށްގެންނެވެ.

”އެކަން [ސެނެޓަށް] ވާނެ ކަމަށް ނުބެލެވޭ. ޓިކެޓު އޮންނާނީ މުއިއްޒަށް،“ ޕްލޭން ބީއެއްގެ ގޮތުގައި ކެންޑިޑޭޓެއް ނެރުމަށް ޕީޕީއެމްގެ ސެނެޓުން ފާސް ނުވާނެ ފާހަގަ ކުރެއްވައި، މުއިއްޒުގެ އިސް ސަޕޯޓަރަކު މި ނޫހަށް ބުންޏެވެ.

ޕީއެންސީގެ ލީޑަޝިޕްގައި ހިމެނޭ ބޭފުޅަކު ވިދާޅުވި ގޮތުގައި ޕްލޭން ބީގެ ގޮތުގައި މުއިއްޒު ފިޔަވައި އެހެން ބޭފުޅަކު ކަނޑައެޅުމަކީ ޔާމީން ކުރައްވާނެ ކަމެއް ކަމަށް ނުބެލެވެ އެވެ.

”ނަމަވެސް ޖެހޭނެ [މުއިއްޒުގެ ކެންޑިޑެސީ] ޕީޕީއެމްގެ ސެނެޓުން އެންޑޯޒުކުރަން. ނުވަތަ ގަވާއިދަށް ބަދަލު ގެނެސް މުއިއްޒު ޕީޕީއެމްއަށް ބަދަލުވާން ފުރުސަތު ދޭން. އަޅުގަނޑަށް ގަބޫލެއް ނުކުރެއްވޭ ޕާޓީގެ މެޖޯރިޓީން ކެންޑިޑޭޓަކު ނިންމާފައި ވަނިކޮށް އެކަން ޔާމީން ބަދަލު ކުރާނެ ކަމަށް،“ އޭނާ ވިދާޅުވި އެވެ.

މިހާރު ޕީޕީއެމްގެ ތެރޭގައި އުފެދިފައި ވަނީ ރިޔާސީ ޓިކެޓުގެ އެދުމުގެ އުދާހެވެ. ޔާމީނަށް ވާދަ ނުކުރެވި، ޕްލޭން ބީގެ ވާހަކަ ކާމިޔާބު ނުކުރެވިއްޖެ ނަމަ، ޔާމީންގެ ރަނިން މޭޓަކަށް ކަނޑައަޅާފައިވާ އެ މަނިކުފާނުގެ އިސް ވަކީލު، ޑރ. މުހައްމަދު ޖަމީލު އަހުމަދު ރިޔާސީ އުއްމީދު ފެނަށް ދިޔައީ އެވެ.

”އެހެންވެ ކުރާ ކަމެއް މިހާރު އެ ދަނީ. ބަޣާވާތެއް ގެންނަން މަސައްކަތް އެ ކުރަނީ،“ މުއިއްޒުގެ ސަޕޯޓަރަކު ވިދާޅުވި އެވެ.

ޕީޕީއެމްގެ ކެންޑިޑޭޓަކު، އަދި ޕީއެންސީގެ ކެންޑިޑޭޓަކު އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން ވިދާޅުވެފައި ވާއިރު، ކުރިއަށް އޮތް ދެ ދުވަހަކީ ޝައުގުވެރި ދެ ދުވަހެވެ. މިހާރު އޮތް ހާލަތުން ވެސް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓަކީ ކާކުކަން ކަށަވަރުކޮށް ބުނެވޭ ވަރެއް ނުވެ އެވެ.

މިކަން ވެސް ނިމޭނީ ”ނޯޓު ކޮޅުން“ނެވެ. ނޯޓުކޮޅު ނާންނައިރު، ދެން އޮތީ ޔާމީން ކުރިން ވިދާޅުވެފައިވާ ވާހަކަ އެވެ.

“އަޅުގަނޑު މިތާ ނެތުމަކުންނެއް އަޅުގަނޑުމެންގެ ޕާޓީގެ މައްޗަކަށް މިނިކާ ބާޒުތަކެއް ސަވާރުވިޔަ ނުދެއްވައްޗޭ،“

ޔާމީނަށް އުފުލި ފުރަތަމަ ހިޔާނާތުގެ ދައުވާގެ ކުރިން އެ މަނިކުފާނު މިހެން ވިދާޅުވެފައި ވާއިރު، އަދި ރާއްޖޭގެ ސިޔާސީ މަސްރަހުން ދައްކާފައިވާ ހަގީގަތުން، އެހެން ކެންޑިޑޭޓަކަށް ޔާމީންގެ ޕާޓީ ދޫކޮށްލުން އުނދަގޫވާނެ އެވެ.

ރިޕޯޓް: އަދަދު

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!