ބޭރުގެ އީ-ކޮމާސް މުއާމަލާތްތަކަށް މިހާރު ކަނޑައަޅާފައިވާ ލިމިޓްތަކަށް ހެޔޮ ބަދަލުތަކެއް މި މަސް ނިމުމުގެ ކުރިން ގެންނާނެކަމަށް ގައުމީ ބޭންކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ބުނެފި އެވެ.
ބޭންކުން މިހެން ބުނެފައި މިވަނީ ދިވެހިން އެންމެ ގިނައި އޮންލައިން ވިޔަފާރިކުރަމުން އަންނަ ޝީއިން އާއި ޓީމޫ ފަދަ ވެބްސައިޓްތަކުން ވިޔަފާރިކުރެވޭ މިންވަރު ވަކި އަދަދެއް ކަނޑައަޅަން ބީއެމްއެލް އިން ނިންމުމުން އެކަމާއި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން ގެންދަނިކޮށެވެ. އަދި މާކެޓްގައި ޑޮލަރުގެ އަގު އުފުލި 20 ރުފިޔާއިން މައްޗަށްވެސް އަރާފައި ވަނިކޮށެވެ.
ބީއެމްއެލްއިން ބުނީ ބޭރުގެ އީ-ކޮމާސް މުއާމަލާތްތަކަށް މިހާރު ކަނޑައަޅާފައިވާ ލިމިޓްތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމުގެ ފައިދާ މި މަސް ނިމުމުގެ ކުރިން ކަސްޓަމަރުންނަށް ލިބޭނެކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.
އެކިކަން ކަމަށް ޑޮލަރު ދޫކުރުމުގައި ގައުމީ ބޭންކު ބޭންކޮ އޮފް މޯލްޑިވްސް އިން ކަނޑައަޅާފައިވާ ލިމިޓްތަކަށް މި މަސް ނިމުމުން ލުއިތަކެއް ދޭނެކަން މިމަހުގެ އެއްވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފައެވެ.
ރައީސް މުއިއްޒު ވިދާޅުވީ ބޭންކުން ކުޑަ ލިމިޓްތަކެއް ކަނޑައެޅީ ބޭންކަށް ދަތިތަކެއް ދިމާވާތީކަމަށެވެ. އެހެންނަމަވެސް އެކަން މި މަސްނިމޭއިރު ރަނގުވެގެންދާނެކަމަށް ބޭންކުން ހާމަކޮށްފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
“ އާދެ ބޭންކް އޮފް މޯލްޑިވްސް އަށް ދަތިތަކެއް ދިމާވާތީ މިހާރު ކުޑަކޮށް ލިމިޓްކޮށްލައިގެން އެ އުޅެނީ. އެހެންނަމަވެސް އަޅުގަނޑު އިއްޔެ ބޭންކަށް ރައީސް އޮފީހުން މައުލޫމާތު ހޯދަން ބެލިއިރުގައ މި މަސްނިމޭ ހިސާބުން އިރާދަކުރެއްވިއްޔާ އަނެއްކާވެސް ވަރަށް ބޮޑުތަނުން ލުއި ކޮށްދޭނެކަމުގެ އިޝާރާތްކުރައްވާފައިވަނީ.“ ރައީސް މުއިއްޒު މި ޖޫންމަހުގެ 1ވަނަ ދުވަހު ވިދާޅުވިއެވެ.
މިއަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް އިން ޖުމްލަ 345 މިލިއަން ޑޮލަރު (ފަސް ބިލިއަނަށް ވުރެ ގިނަ ރުފިޔާ) ވިއްކާފައިވާކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.



