ބޭންކުތަކުން ދޫކުރި ލޯނުތައް 51 ބިލިއަނަށް ވުރެ މައްޗަށް އަރައިފި
ދެންމެ | 19 ޖޫން 2026

ރާއްޖޭގެ ބޭންކުތަކާއި މާލީ އިދާރާތަކުން ދޫކުރި ޖުމްލަ ލޯނުގެ އަދަދު މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް 51 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރައިފި ކަމަށް މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭގެ ހިސާބުތަކަށް ބަލާއިރު، އެޕްރީލް މަހުގެ ނިޔަލަށް ބޭންކުތަކާއި މާލީ އިދާރާތަކުން ދޫކުރި ޖުމްލަ ލޯނުގެ އަދަދަކީ 51،720.6 މިލިއަން (ގާތްގަނޑަކަށް 51.7 ބިލިއަން) ރުފިޔާއެވެ. މިއީ މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް ދޫކޮށްފައިވާ 50،828.3 މިލިއަން ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް 892 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މީގެ އިތުރުން، 2025ވަނަ އަހަރު ނިމުނުއިރު ބޭންކުތަކުން ދޫކުރި ލޯނުގެ ޖުމްލަ ހުރީ 48،383.0 މިލިއަން ރުފިޔާގައެވެ.

ރާއްޖޭގެ މާލީ އިދާރާތަކުން އެންމެ ބޮޑު ހޭދައެއް އަދިވެސް ކުރަމުންދަނީ ގައުމުގެ އިގްތިސާދުގެ މައިނާރު ކަމަށްވާ ޓޫރިޒަމް ދާއިރާއަށެވެ. އެގޮތުން އެޕްރީލް މަހުގެ ނިޔަލަށް ޓޫރިޒަމް ދާއިރާއަށް ދޫކޮށްފައިވާ ލޯނުގެ ޖުމްލަ ވަނީ 14،146.6 މިލިއަން ރުފިޔާއަށް އަރާފައެވެ.

މި މުއްދަތުގައި އެންމެ ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެއް ހޯދާފައި ވަނީ އިމާރާތްކުރުމުގެ ދާއިރާއެވެ. އެޕްރީލް މަހުގެ ނިޔަލަށް މި ދާއިރާއަށް ދޫކުރި ލޯނުތައް ވަނީ 10 ބިލިއަން ރުފިޔާގެ ހުރަސް ގިރާކޮށް، 10،007.2 މިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މާރިޗު މަހުގެ ނިޔަލަށް ހުރި 9،555.1 މިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.

މީގެ އިތުރުން، އަމިއްލަ ފަރުދުންނަށް ބޭންކުތަކުން ދޫކުރާ ޕާސަނަލް ލޯނުތައް ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ޕާސަނަލް ލޯނު ނެގި މިންވަރު 9،231.0 މިލިއަން ރުފިޔާއަށް އަރާފައިވާ އިރު، މިއީ ބޭންކުތަކުން ތިންވަނައަށް އެންމެ ގިނައިން ދޫކޮށްފައިވާ ލޯނުތަކެވެ.

ބޭންކުތަކުން ދޫކުރާ ލޯނުތަކަށް އަންނަމުންދާ މި ބަދަލުތަކުން ހާމަވަނީ ރާއްޖޭގެ އެކި ދާއިރާތަކުގެ އިގްތިސާދީ ހަރަކާތްތައް އިތުރުވަމުންދާ މިންވަރެވެ. ހާއްސަކޮށް ޓޫރިޒަމާއި އިމާރާތްކުރުމުގެ ދާއިރާ ކުރިއަރަމުންދާކަން މި ހިސާބުތަކުން ސާފުކޮށް ފެންނަން އެބައޮތެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!