އިނގިރޭސިންނަށް ގޯލް ނުޖެހުނީ ސިހުރު ހަދައިގެން ކަމަށް ގާނާގެ ސިހުރުވެރިޔަކު ބުނެފި
ދެންމެ | 25 ޖޫން 2026

އިނގިރޭސި ވިލާތުގެ ފޯވާޑް ހެރީ ކޭނަށް ގޯލެއް ޖެހިޔަ ނުދިނީ ސިހުރު ހެދުމުގެ ސަބަބުން ކަމަށް ގާނާގެ ރައްޔިތަކު ބުނެފިއެވެ.

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ރޭ އިންގްލެންޑާއި ގާނާ ބައްދަލުކުރި މެޗު ނިމިފައި ވަނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މި މެޗުގައި އިންގްލެންޑްގެ އެންމެ އިތުބާރު ފޯވާޑް ކޭންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ. މެޗުގެ ފަހު ނިމެން ކައިރިވެފައި ވަނިކޮށް، ކޭންއަށް ވަނީ ލަނޑު ޖަހާނެ މުޅިން ހުސް ފުރުސަތެއް ލިބިފައެވެ. ގޯލްގެ ކުރިމަތީގައި ހުރެ ފޮނުވާލި ހަމަލާ ދިޔައީ ގޯލްގެ މަތިން ބޭރަށެވެ.

ކޭންގެ މި ހަމަލާ ގޯލަށް އަމާޒު ނުވުމުން މެޗު ބަލަން ދަނޑަށް ދިޔަ އިންގްލެންޑް ސަޕޯޓަރަކު ކައިރީގައި ގާނާ ސަޕޯޓަރަކު ވަނީ ޖޯކު ޖަހައިފައެވެ.

”ސިހުރު ހަމަ ރަނގަޅަށް މަސައްކަތް ކުރަނީ ދޯ.“ ގާނާ ސަޕޯޓަރު ބުންޏެވެ.

”ސިހުރެއް ނޫން އެކުވެރިޔާ، އޭނާއަށް ބޭނުންވަނީ ޝޫޓިންގ ޕްރެކްޓިސް،“ ރައްދުގައި އިންގްލެންޑްގެ ސަޕޯޓަރު ބުނެފައިވެއެވެ.

މި ސަމާސާތައް ގުޅިފައިވަނީ މެޗުގެ ކުރިން ގާނާގެ ސިހުރުވެރިއެއް ކަމަށްވާ ނާނާ ކްވާކޫ ބޮންސަމް ދެއްކި ވާހަކައަކުންނެވެ. އޭނާ ޑެއިލީ ސްޓާ އަށް ބުނީ ކޭންގެ މައްޗަށް ”ކަޅު ސިހުރު“ ޖައްސާފައިވާ ކަމަށެވެ.

އެމީހާ ކިޔައި ދިން ގޮތުގައި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޕޯޗުގަލް އާއި ގާނާ ބައްދަލުކުރި މެޗުގެ ކުރިން ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބުނު އަނިޔާއަކީ އޭނާގެ ސަބަބުންވި ކަމެއް ކަމެކެވެ.

”ކުރިން އަހަންނަށް ކުރެވޭ ކަންތައް ދައްކާފައިވާތީ، އޭނާ ހުއްޓުވަން ކުރަންޖެހޭ ކަންތައް އަހަންނަށް އެނގޭ.“ ސިހުރުވެރިޔާ ބުނެފައިވެއެވެ.

”އަހަރެން އޭނާއަށް (ކޭން) ބޮޑު އަނިޔާއެއް ލިބެން އެދެނީއެއް ނޫން. އަހަރެންގެ ގައުމާ ދެކޮޅަށް އޭނާ ހުއްޓުވަން ފުދޭ ވަރު ވާނީ.“

މެޗަށް ފަހު ވާހަކަ ދައްކަމުން އިންގްލެންޑްގެ މިޑްފީލްޑަރު ޑެކްލަން ރައިސް ބުނީ ގާނާއަށް ކްރެޑިޓް ދޭން ޖެހޭ ކަމަށާއި އެ ޓީމުން ވަރަށް ރަނގަޅަށް ޑިފެންސް ކުރި ކަމަށެވެ. މެޗުގައި އިންގްލެންޑުން ހުރިހާ ކަމެއް ކުރި ނަމަވެސް ކާމިޔާބު ނުވި ކަމަށް އޭނާ ބުންޏެވެ.

”އަހަރުމެން މަސައްކަތް ކުރިން ހުރިހާ ކަމަކަށް. ޝޮޓް ހެދިން، ބޮލުން ޖެހިން، ސެޓް ޕީސްތަކުގެ ބޭނުން ކުރިން. އެއްވެސް ކަމެއް ނުވި. ވެދާނެ ސިހުރު ހެދީމަ ކަމަށްވެސް،“ އިނގިރޭސި ވިލާތުގެ އާސެނަލްއާ އެކު ޕްރިމިއާ ލީގުގެ ތަށި ހޯދި ރައިސް ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!