މުސްކުޅި ރޮނާލްޑޯ ބެންޗަށް ބާލައި ޒުވާން ރާމޯސް ގޯލުން ޕޯޗްގަލް ގަދަ 16 އަށް ދެމިލައިފި
ދެންމެ | 03 ޖުލައި 2026

ވޯލްޑް ކަޕް 2026 ގައި ކްރޮއޭޝިއާ ބަލިކޮށް، ޕޯޗުގަލުން ގަދަ 16 ގެ ޖާގައެއް ހޯދައިފިއެވެ.

މިއަދު ކުޅުނު ގަދަ 32 ގެ މެޗުގައި ޕޯޗުގަލް މޮޅުވީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ކުރީކޮޅުގައި ޕޯޗުގަލުން ކުރިއަށް ޖެހި ވަރުގަދަ އެޓޭކަކާއެކު ފެށި އިރު، ކްރޮއޭޝިއާ އިން ފަހަތަށް ޖެހި، ބޮޑަށް މަސައްކަތްކުރީ ޑިފެންސްކުރުމަށެވެ. އެހެންކަމުން ޕޯޗުގަލަށް ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރުމަށް އުނދަގޫތަކެއް ކުރިމަތިވިއެވެ.

ފުރަތަމަ ހާފުގައި އެންމެ ރަނގަޅު ފުރުސަތުތައް ލިބިފައިވަނީ ޕޯޗުގަލްގެ ބްރޫނޯ ފެނާންޑޭޒް އަށެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ދެ ހަމަލާއެއް، ކްރޮއޭޝިއާ ކީޕަރު ޑޮމިނިކް ލިވަކޮޗް ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ އަށް މިނެޓުގެ ތެރޭގައި ކްރޮއޭޝިއާ އިން ވަނީ ގޯލު ޖަހައި ލީޑު ހޯދައިފައެވެ. އެ ގޯލު ކްރޮއޭޝިއާއަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު އިވާން ޕެރިސިޗް އެވެ. އޭނާ އެ ގޯލު ކާމިޔާބުކޮށްދިނީ ޔޮސިޕް ސްޓަނިޗް ދިން ބޯޅައަކުންނެވެ.

މެޗުގެ 68 ވަނަ މިނެޓުގައި ޕޯޗުގަލަށް ލީޑު ހޯދައިދިނީ ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ޕޯޗުގަލަށް އެ ޕެނަލްޓީ ލިބުނީ ޕެނަލްޓީ އޭރިއާ ތެރެއިން ރެނާޓޯ ވޭގާއަށް ކްރޮއޭޝިއާގެ ނިކޯލާ ވްލަސިޗް ކުރި ފައުލަކާ ގުޅިގެންނެވެ.

އޭގެ ފަހުން ކްރޮއޭޝިއާގެ ވަރުގަދަ އެޓޭކުތަކެއް ފެނިގެންދިޔަ އިރު، ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ތަނަވަސްކުރިއެވެ. އެގޮތުން މަޓިއޯ ކަވަޗިޗްއަށް ލިބުނު ދެ ފުރުސަތެއް ފާހަގަކޮށްލެވެއެވެ. ކޮވަޗިޗްގެ ފުރަތަމަ ހަމަލާ ޕޯޗުގަލް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވި އިރު، އަނެއް ހަމަލާގެ ހުރަހަކަށްވީ ޕޯޗުގަލް ކީޕަރު ޑިއޯގޯ ކޮސްޓާއެވެ.

ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ޕޯޗުގަލުން ވަނީ ގޯލު ޖަހައި ލީޑު ހޯދައިފައެވެ. ޕޯޗުގަލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ގޮންސާލޯ ރާމޯސް އެވެ. އެ ގޯލު ޖަހާފައިވަނީ ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބާލާފައިވަނިކޮށެވެ.

އޭގެ ފަހުން ކްރޮއޭޝިއާގެ ޖޮސްކޯ ގުވާޑިއޯލް ގޯލެއް ޖެހި ނަމަވެސް، ރެފްރީ ނިންމީ އެ ބޯޅަ ލިބުމުގައި މާރިއޯ ޕަސަލިޗް އޮފްސައިޑް މަގާމެއްގައި ހުރި ކަމަށެވެ. އެހެންކަމުން އެ ގޯލު ބަލައިގެންފައެއް ނުވެއެވެ.

ޕޯޗުގަލުން ގަދަ 16 ގައި ނުކުންނަން ޖެހޭނީ ވަރުގަދަ ސްޕެއިންއާ ދެކޮޅަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!