ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) ގައި މަސައްކަތްކުރާ ސިފައިންގެ ޖުމްލަ އަދަދަށްވުރެ، ފެނަކަ ކޯޕަރޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު އިތުރުވެފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ކުރީ ސަރުކާރުގައި މުވައްޒަފުން ގިނަވުމުގެ ކަންބޮޑުވުންތައް އޭރުގެ އިގްތިސާދީ ކޮމިޓީގައި ފާހަގަކޮށް، މުވައްޒަފުން މަދުކުރުމަށް މަސައްކަތްތަކެއް ކުރެވުނުކަން އޭނާ ފާހަގަކުރެއްވިއެވެ.
ބޮންޑާ އިތުރަށް ވިދާޅުވީ، ގައުމުގެ ދިފާއީ އެންމެހާ ކަންކަން ބަލަހައްޓާ އަސްކަރިއްޔާގައި ތިބި ސިފައިންގެ ޖުމްލަ އަދަދު 5000 ހަމަނުވާ ކަމަށެވެ.
އަސްކަރިއްޔާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކޯސްޓުގާޑާއި، އަލިފާން ނިއްވާ ބައިތަކާއި، ވައިގެ ސިފައިންނާއި އަދި ރިޒާވް ސިފައިން ފަދަ ގިނަ ބައިތަކެއް ހިމެނޭކަން ފާހަގަކުރައްވައި، އިންޖީނުގެތައް ހިންގާ ކުންފުންޏެއްގެ މުވައްޒަފުންގެ އަދަދު މިހާ މަތީގައި ހުރުމަކީ ގަބޫލުކުރަން ދަތި އަދި ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.



