ޓެކްސީ ލައިނުން މިހާތަނަށް 67،000 އަށް ވުރެ ގިނަ މީހުން ހިދުމަތް ހޯދައިފި: އެމްޓީސީސީ
ދެންމެ | 06 ޖުލައި 2026

އެމްޓީސީސީގެ އާރްޓީއެލް ޓެކްސީ ލައިނުން 67،000 އަށް ވުރެ ގިނަ ދަތުރުތައް ކާމިޔާބު ކަމާއެކު ނިންމާލައިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ސަންގުޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި އެމްޓީސީސީން ވަނީ ސަރުކާރުގެ ޓެކްސީ ލައިންގެ ބައެއް މައުލޫމާތުތައް ހިއްސާ ކުރައްވާފައެވެ. އެގޮތުން އެމްޓީސީސީން ބުނެފައިވަނީ ހިދުމަތް ފެށި ފުރަތަމަ 2 ހަފްތާގައި ކުރިއަށް ގެންދިޔައީ ”ޓްރައިލް ޕީރިއަޑެއް“ ކަމަށެވެ. އެެހެންކަމުން އެ ވަގުތުކޮޅުގެ ތެރޭހައި އާއްމުންގެ ތަރުހީބު ވަރަށް ބޮޑު ކަމަށް އެމްޓީސީސީން ވަނީ ފާހަގަކޮށްފައެވެ.

އެމްޓީސީސީން ބުނެފައިވަނީ ޓްރައިލް ޕީރިއަޑުގައި 11،000 އަށް ވުރެ ގިނަ ދަތުރުތައް ކާމިޔާބުކަމާއެކު ނިންމާލައިފައިވާ ކަމަށެވެ. އަދި އެއަށްފަހު އަގު ނަގައިގެން ހިދުމަތް ފެށުމުގެ ފަހުން 1655 އަށް ގުޅައިގެންނާއި އެޕްލިކޭޝަން ބޭނުންކޮށްގެން 67،000އަށް ވުރެ ގިނަ ދަތުރުތައް ކާމިޔާބުކަމާއެކު ނިންމާލައިފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނެފައިވަނީ މި ކާރުތަކުގައި ތިބޭ ޑްރައިވަރުން އެހެން ޑްރައިވަރުންނާއި ތަފާތުވާ މައިގަނޑު ސަބަބަކީ އެމީހުންނަށް ލިބޭ ޓްރެއިންނިން ކަމަށެވެ.

އެމްޓީސީސީން ފުރަތަަމަ އެ ހިދުމަތުގެ އެޕް ތައާރަފްކޮށްފައިވަނީ އެޕަލްގެ އެޕްސްޓޯރުގައި އައިއޯއެސް އެޕަލް ބްރޭންޑުގެ ފޯނުތަކަށް އެކަންޏެވެ. ނަމަވެސް މިހާރު އެންޑްރޮއިޑް ފޯނު ގެންގުޅޭ ފަރާތްތަކަށް ވެސް މި ހިދުމަތް ހޯދޭނެއެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ދަތުރުތައް ހޯދުމުގެ އިތުރުން، ދުރާލާ ދަތުރުތައް ތާވަލުކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. މީގެ އިތުރުން ދަތުރުތައް ކުރިއާލާ ތާވަލުކުރެވޭނީ އެ ދަތުރެއް ފެށުމުގެ މަދުވެގެން ތިން ގަޑިއިރު ކުރިން ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

ދަތުރުތަކަށް ފައިސާ ދެއްކުމުގައިވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސާފައިވާއިރު އެޕްލިކޭޝަންގައިވާ ”ވޮލެޓް“އަށް ފައިސާ ޖަމާކޮށްގެންނާއި، ބޭންކް ގޭޓްވޭ މެދުވެރިކޮށް ކާޑުން ފައިސާ ދެއްކުމުގެ އިތުރުން، ”ސްކޭން އެންޑް ޕޭ“ ގެ ޚިދުމަތްވެސް ފައިސާ ދެއްކުމަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!