ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ނުކުރާކަން ނަޝީދު އިއުލާން ކުރައްވައިފި
ދެންމެ | 08 ނޮވެމްބަރ 2022

އެމްޑީޕީން 2023ގެ އިންތިހާބަށް ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާ ޕްރައިމަރީގައި، މިފަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުނުކުރައްވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސްގެ ދެވަނަ ދައުރަކަށް ތާއީދު ނުކުރައްވާނެކަން ސާފުކޮށް ނަޝީދު މިއަދު ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންގެ ގާތުގަ އެވެ.

”މިފަހަރު ރައީސް ސޯލިހަށް ތާއީދުކުރެވޭކަށް ނެތް،“ ގައުމީ މަޖިލީހުގެ ވަޓްސްއެޕްގްރޫޕްގައި ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު މިގޮތަށް ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ޝައުގުވެރިކަން ނެތް ކަމަށާއި ހުންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކުގައި ކަން ހާމަކުރައްވާފައި އޮތުމުން ރައްދު ދެއްވަ އެވެ. އޭގެ އިތުރަށް ނަޝީދު އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިއުލާންކުރައްވައިފަ އެވެ. އޭގެކުރިން ޕްރައިމަރީއަށް ކުރިމަތިލައްވާނެ ކަމަށް ނަޝީދު ވިދާޅުވަމުން ގެންދެވި ނަމަވެސް މި ފަހުން ސާފުކޮށް އެމަނިކުފާނު ނިންމަވާނެ ގޮތެއް އިއުލާން ނުކުރައްވަ އެވެ.

އައްޑުއަށް ނަޝީދު ކުރެއްވި ދަތުރުފުޅުގައި، ރައްޔިތުންނާ ބައްދަލުކުރެއްވުމުން އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނަންތޯ ކުރި ސުވާލަށް ސީދާ ޖަވާބެއް ނުދެއްވަ އެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ ރާއްޖޭގެ ރައީސްކަން ކުރައްވައިގެން އަނެއްކާވެސް ލިބޭނީ ”ބޮނޑިއެއް“ ކަމަށާއި އެ މަނިކުފާނު އަދިވެސް ބޭނުންފުޅުވަނީ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތް ކާމިޔާބު ކުރައްވަން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!