ދުނިޔޭ އެންމެ ބާރުގަދަ ހަތިޔާރަކީ އަހަރުމެންގެ “ހޮރުމޫޒު“ އޭގެ ބާރު ދިހަ ނިއުކުލިއަރ ބޮމަށްވުރެ ގަދަ: އީރާން
ދެންމެ | 12 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅިއަކީ ”ދިހަވަރަކަށް އެޓޮމިކް ބޮމަށްވުރެ ވެސް މުހިންމު“ ތަނެއް ކަމަށާއި، އެ މުހިންމު ކަނޑުގެ ސަރަހައްދު ހިމާޔަތްކުރާނެ ކަމަށް އީރާނުގެ އެންމެ މަތީ ވެރިޔާގެ މުޝީރަކު އާދީއްތަ ދުވަހު ވިދާޅުވެއްޖެ އެވެ.

އީރާނުގެ އިސްނާ (ISNA) ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މުހުސިން ރެޒާއީ ވިދާޅުވީ މި އިސްތިރާތީޖީ ކަނޑުއޮޅިއަކީ ދިހަވަރަކަށް އެޓަމިކް ބޮމަށްވުރެ ވެސް މުހިންމު ތަނެއް ކަމަށާއި، އިސްލާމީ ޖުމްހޫރިއްޔާ އިން އެ ސަރަހައްދު ހިމާޔަތްކުރާނެ ކަމަށެވެ.

ހުޅަނގުގެ ގައުމުތަކުން އީރާނުގެ މައްޗަށް ތުހުމަތު ކުރަނީ އެ ގައުމުން އެޓޮމިކް ބޮމެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް، ތެހެރާނުން ތަކުރާރުކޮށް ބުނަމުންދަނީ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ސުލްހަވެރި، މަދަނީ ބޭނުންތަކަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.

އީރާނުގެ ސިފައިން މުދާ އުފުލާ އުޅަނދަކަށް ދިން ހަމަލާއަކާ ގުޅިގެން އެ އުޅަނދުގައި ރޯވެ، ފަޅުވެރިން އުޅަނދު ދޫކޮށްލާފައި ވަނިކޮށް، އެމެރިކާއިން ދިން އާ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ހުރްމުޒް ކަނޑުއޮޅި ބަންދުކުރިކަން އާދީއްތަ ދުވަހު ތެހެރާނުން ވަނީ އިއުލާނުކޮށްފަ އެވެ. އަދި އެ ގައުމުން ވަނީ ގަލްފުގެ އަވަށްޓެރި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތަކެއް ވެސް ފޮނުވާލާފަ އެވެ.

މި ނުތަނަވަސްކަމުގެ ސަބަބުން، މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ ވަގުތީ އެއްބަސްވުމަށް ވަނީ ނުރައްކާވެފަ އެވެ. މި ހަނގުރާމަ ފެށުނީ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިސްރާއީލުން ގުޅިގެން ދިން ވަރުގަދަ ހަމަލާތަކެއްގައި އީރާނުގެ ކުރީގެ އެންމެ މަތީ ވެރިޔާ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެންނެވެ.

ދާއިމީ އެއްބަސްވުމަކަށް ދިއުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ހުރްމުޒް ކަނޑުއޮޅީގެ މުސްތަގުބަލެވެ. އީރާނުން ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ވިޔަފާރި އުޅަނދުފަހަރަށް އެ ކަނޑުއޮޅި ބަންދުކޮށްފަ އެވެ.

މި ކަނޑުއޮޅިއަކީ ގަލްފުގެ ގައުމުތަކުން ތެލާއި ގޭސް ބޭރުކުރުމަށް ބޭނުންކުރާ އެންމެ މުހިންމު މަގަށް ވާއިރު، ހަނގުރާމައިގެ ތެރޭގައި މި ސަރަހައްދު ބަންދުކުރުމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ.

އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު ކޮންޓްރޯލް ކުރުމަށާއި، އުޅަނދުފަހަރުގެ އަތުން ފީ ނެގުމަށް އީރާނުން ބާރުއަޅަމުންދާއިރު، އެމެރިކާގެ ވޮޝިންޓަނުން ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން އާދީއްތަ ދުވަހުގެ ފަހުގެ ވަގުތެއްގައި އިއުލާނުކުރި ގޮތުގައި، ހުރްމުޒް ކަނޑުއޮޅި މިހާރު ވަނީ ހުރިހާ އުޅަނދަކަށް ހުޅުވާލާފަ އެވެ. އަދި ކަނޑުދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި އެމެރިކާގެ އަސްކަރީ ބާރުތައް ”ތައްޔާރީ ހާލަތުގައި“ އެ ސަރަހައްދުގައި ތިބި ކަމަށް ވެސް އެ ކޮމާންޑުން ބުނެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!