މެސީގެ ޖޯޒީ އާއިއެކު ސޯޓާއި ފިއްތި ބޮކުސާވެސް ބާލަން ޓީމް އޮތީ ތައްޔާރަށް: އިންގްލެންޑް ކެޕްޓަން ކޭން
ދެންމެ | 14 ޖުލައި 2026

ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށް ނިކުންނައިރު، އިންގްލެންޑުގެ ޓީމުގައި ބައިބައިވުމެއް ނެތް ކަމަށާއި، މުޅި ޓީމު އޮތީ އެކަތި ގަނޑެއްގެ ގޮތުގައި ކަމަށް އެ ޓީމުގެ ކެޕްޓަން ހެރީ ކޭން ބުނެފި އެވެ.

ބީބީސީ ސްޕޯޓްސްއާ ވާހަކަ ދައްކަމުން ކޭން ބުނީ، ބޮޑެތި މުބާރާތް ތަކުގައި ޓީމުގެ ތެރޭގައި ބައިބައިވުން އުފެދުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށާއި، އެއީ އިނގިރޭސިވިލާތުގެ މީޑިއާ ތަކުން އާންމުކޮށށް ކުރާ ކަމެއް ކަމަށެވެ. ނަމަވެސް، ހަގީގަތަކީ ކުޅުންތެރިންނާއި، ކޯޗު އަދި އޮފިޝަލުން ހިމެނޭހެން މުޅި ޓީމު އޮތީ ވަރަށް އެކުވެރިކޮށް ކަމަށް އޭނާ ބުންޏެވެ.

އިންގްލެންޑުގެ ކޯޗު ތޯމަސް ޓުޗެލްއާ ގުޅޭ ގޮތުން ކޭން ބުނީ، އޭނާ އަކީ ކަންކަން ފޮރުވުމެއް ނެތި، ހިތުގައި އޮތް އެއްޗެއް ބުނާ ކޯޗެއް ކަމަށެވެ. އަދި ޓުޗެލްގެ އެ ސިފަ އަށް ކުޅުންތެރިން ވަރަށް ބޮޑަށް އިޙްތިރާމް ކުރާ ކަމަށް ވެސް ކޭން ބުންޏެވެ. ކޭން މިހެން ބުނެފައިވާއިރު، އިންގްލެންޑުގެ ކުޅުމާ މެދު އެންމެ ހިތްހަމަ ނުޖެހޭ ކަމަށް ޓުޗެލް ވަނީ ބުނެފައި އެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށް ނިކުންނައިރު، އިންގްލެންޑުގެ ޑިފެންޑަރު ނިއޯ އޯރިލީ ބުނީ، ދުނިޔޭގެ އެންމެ މޮޅު ކުުޅުންތެރިޔާ ލިއޮނަލް މެސީއާ ދެކޮޅަށް ކުޅެން ލިބުމަކީ ޙަޔާތުގައި އެއް ފަހަރު ލިބޭނެ ފުރުސަތެއް ކަމަށާއި، އެ ގޮންޖެހުމާ ކުރިމަތިލާން އޭނާ ހުރީ ތައްޔާރަށް ކަމަށެވެ. އޭނާ ބުނީ އިންގްލެންޑުން ނިކުންނާނީ މެސީ ހުއްޓުވާނެ ގޮތް ހޯދައިގެން ކަމަށެވެ.

މިފަހަރުގެ މުބާރާތުގައި މެސީ އަށް ލަނޑު ޖަހާފައިވާއިރު، އޭނާ އަންނަނީ މުބާރާތުގެ ރަން ބޫޓުގެ ރޭހުގައި ވާދަ ކުރަމުންނެވެ. މީގެ އިތުރުން، މިހާތަނަށް 21 ލަނޑު ޖަހައިގެން، މެސީ އަކީ ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާ އެވެ.

އިންގްލެންޑުގެ ގޯލު ކީޕަރު ޖޯޑަން ޕިކްފޯޑް ބުނެފައި ވަނީ، މެސީ އަކީ ނުރައްކާތެރި ކުޅުންތެރިޔެކެވެ. ނަމަވެސް، އާޖެންޓީނާގެ މުޅި ޓީމަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށް އޭނާ ވަނީ ބުނެފައި އެވެ. އެގޮތުން ހަމައެކަނި މެސީ ހުއްޓުވަން މަސައްކަތް ކޮށްގެން މެޗުން މޮޅު ނުވެވޭނެ ކަމަށާއި، އާޖެންޓީނާގެ އެހެން ކުޅުންތެރިންގެ ވަރުގަދަ ސިފަ ތަކަށް ވެސް ފާރަވެރި ވާން ޖެހޭ ކަމަށް ޕިކްފޯޑް ވަނީ ބުނެފައި އެވެ.

އާޖެންޓީނާއާ ދެކޮޅަށް އިންގްލެންޑު ނިކުންނަނީ، އެ ޓީމުގެ 60 އަހަރުވީ ދިގު މާޒީ އަށް ނިމުމެއް ގެނައުމަށެވެ. އެގޮތުން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދުމަކީ އިންގްލެންޑުގެ އެންމެ ބޮޑު އަމާޒެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!