އީރާނާއި އެމެރިކާ އާއި ދެމެދު ކުރިއަށްދާ ވަރުގަދަ އަސްކަރީ ކުރިމަތިލުންތަކުގެ ތެރެއިން، ހަނގުރާމަ ފެށުނު ފުރަތަމަ ފަސް ދުވަހުގެ ތެރޭގައި އެކަނިވެސް އެމެރިކާގެ 500 އަށްވުރެ ގިނަ ސިފައިން މަރާލާފައިވާނެ ކަމަށް އީރާނުން ބުނެފިއެވެ.
އީރާނުން ހާމަކުރި ގޮތުގައި، އެމެރިކާއިން އިސްރާއީލުގެ ދިފާއުގައި ފެށި މި ”ނާޖާއިޒު ހަނގުރާމައިގައި“ އެމެރިކާގެ އަސްކަރިއްޔާއަށް ވަނީ ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބި، ގިނަ އަދަދެއްގެ ޒުވާން ސިފައިން ވަނީ މަރުވެފައެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރްޖީސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި މަނަވަރުތަކަށް އަމާޒުކޮށް ފޮނުވާލި 700 އަށްވުރެ ގިނަ ބެލިސްޓިކް މިސައިލާއި ކަމިކާޒޭ ޑްރޯންތައް ސީދާ އަމާޒުތަކަށް ވާސިލުވެފައިވާ ކަމަށެވެ.
އީރާނުން ބުނާ ގޮތުގައި އެމެރިކާގެ ދިފާއީ ނިޒާމުތަކަށް އީރާނުގެ ހައިޕަސޮނިކް ހަތިޔާރުތައް ހުއްޓުވޭނެ އެއްވެސް ގޮތެއް ނުވިއެވެ. އެގޮތުން، ހަމަލާގެ ފުރަތަމަ 48 ގަޑިއިރުގެ ތެރޭގައިވެސް އެމެރިކާ ސިފައިންގެ 650 އަށްވުރެ ގިނަ މީހުން ވަރަށް ބޮޑަށް ޒަޚަމްވެފައިވާކަން އެމީހުންގެ ޖާސޫސީ މައުލޫމާތުން ކަށަވަރުވާ ކަމަށް އީރާނުގެ އަސްކަރީ ތަރުޖަމާނު ފާހަގކުރިއެވެ.
ނަމަވެސް، އެމެރިކާގެ ޕެންޓަގަނުންނާއި ޔޫއެސް ސެންޓްރަލް ކޮމާންޑުން ވަނީ އީރާނުގެ މި ވާހަކަތައް ދޮގުކޮށް، އެއީ ހަނގުރާމައިގެ މައިދާނުގައި ނަފްސާނީ ގޮތުން ކުރިހޯދަން އީރާނުން ފަތުރާ ހަގީގަތާ ޚިލާފު ޕްރޮޕަގަންޑާއެއްގެ ގޮތުގައި ސިފަކޮށްފައެވެ.



