އީރާނުން މެދުއިރުމަތީގެ އެކި ޤައުމުތަކުގެ މޮބައިލް ނެޓްވޯކުތައް ހެކްކޮށް، ޖާސޫސީ މައުލޫމާތު ތައް ހޯދައިފިއެވެ.
އިނގިރޭސިވިލާތުގެ ފައިނޭންޝަލް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާތަކުގެ މައިގަނޑު އަމާޒަކީ މެދުއިރުމަތީގެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވާ އެމެރިކާގެ ސިފައިންނާއި ސަލާމަތީ ކޮންޓްރެކްޓަރުން ތިބޭ ވަގުތީ ލޮކޭޝަންތައް ސިއްރިއްޔާތުގައި ދެނެގަތުމެވެ
މި ޖާސޫސީ މަސައްކަތް ހިންގުމަށްޓަކައި އީރާނުން ބޭނުންކޮށްފައިވަނީ މޮބައިލް ނެޓްވޯކުތަކުގެ ރޯމިންގ ނިޒާމުގައި ހުންނަ ބައެއް ލޫޕްހޯލްތަކެވެ. ޚާއްޞަކޮށް، ޓެލެކޮމިއުނިކޭޝަންސްގައި ބޭނުންކުރާ ”SS7“ ސިގްނަލިންގ ޕްރޮޓޮކޯލްގެ ލޫޕްހޯލްތަކުގެ ބޭނުން ހިފައިގެން، ފޯނުތައް ހުންނަ ތަންތަން ހޯދުމަށް ގިނަ އަދަދެއްގެ ފޭކް ލޮކޭޝަން ރިކުއެސްޓްތަކެއް ފޮނުވާފައިވެއެވެ. މީގެ އިތުރުން މީހުން ޓްރެކްކުރުމަށްޓަކައި ފޯނުތަކުގައި ބޭނުންކުރާ އިޝްތިހާރު ދައްކާ ސޮފްޓްވެއާތަކުގެ ޑޭޓާބޭސްތައްވެސް ބޭނުންކޮށްފައިވާކަން ވަނީ ހާމަވެފައެވެ.
މި ކަމާއި ގުޅިގެން އެމެރިކާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މޮބައިލް ފޯނުތަކުގެ ސަބަބުން ސިފައިންގެ ފުރާނައަށާއި ޤައުމީ ސަލާމަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވަމުންދާތީ، އަސްކަރީ ސަރަޙައްދުތަކުގައި ފޯނު ބޭނުންކުރުމުގެ އުޞޫލުތައް ހަރުދަނާކުރުމަށާއި، ޓެލެކޮމް ނެޓްވޯކުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް އެމެރިކާއިން ދަނީ މަސައްކަތް ކުރަމުންނެވެ.



