އަންހެނަކަށް ޖިންސީ ގޯނާކޮށް އަބުރާބެހުނު މައްސަލައިގައި ބަދަލުގެ ގޮތުގައި 5.6 މިލިއަން ޑޮލަރު ޓްރަމްޕް ދައްކަވައިފި
ދެންމެ | 15 ޖުލައި 2026

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ލިޔުންތެރިޔާ އީ. ޖީން ކެރޯލްއަށް ޖިންސީ ގޯނާކޮށް އަބުރާ ބެހުނުކަން މަދަނީ ކޯޓެއްގެ ޖޫރީންނަށް ސާބިތުވުމާ ގުޅިގެން، ބަދަލުގެ ގޮތުގައި 5.6 މިލިއަން ޑޮލަރު ދައްކަވާފައިވާކަން އަންގާރަ ދުވަހު ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުން ހާމަވެއްޖެ އެވެ.

ކެރޯލްގެ ވަކީލު ރޮބާޓާ ކަޕްލާން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މީގެ ތިން އަހަރު ކުރިން ނުވަ ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ޖޫރީއަކުން އިއްތިފާގުވެފައިވަނީ، ޓްރަމްޕް ވަނީ އީ. ޖީން ކެރޯލްއަށް ޖިންސީ ގޯނާކޮށް އަދި އޭނާގެ އަބުރާ ބެހިފައި ކަމަށާއި، އެކަމުގެ ޒިންމާ ޓްރަމްޕް އުފުލަންޖެހޭނެ ކަމަށެވެ.

ކަޕްލާން އިތުރަށް ވިދާޅުވީ، ކޯޓުގެ އެ ނިންމުމާ ގުޅިގެން ޖޫރީން ކެރޯލްއަށް ނަގައިދިނުމަށް ކަނޑައެޅި ބަދަލުގެ ފައިސާ މިއަދު އޭނާއަށް ލިބިފައިވާކަން އުފަލާއެކު ފާހަގަކުރާ ކަމަށެވެ.

މިދިޔަ ޖޫން މަހުގެ ފަހުކޮޅު، 2023 ވަނަ އަހަރުގެ މޭ މަހު އިއްވި މި ހުކުމް އިސްތިއުނާފު ކުރުމަށް ޓްރަމްޕްގެ ފަރާތުން އެމެރިކާގެ ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް، އެ ކޯޓުން ވަނީ އެ މައްސަލަ ބަލައިގަންނަން އިންކާރުކޮށްފަ އެވެ.

 

މަސްދަރު: އޭއެފްޕީ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!