އިނގިރޭސިންނަކީ ކަނޑުފޭރޭ ބައެއް، އެމީހުން ’މޯލްޑިވްސް‘ ވެސް އަޅުވެތިކުރި: އާޖެންޓީނާގެ ނައިބު ރައީސް
ދެންމެ | 15 ޖުލައި 2026

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި އާޖެންޓީނާއާ ދެކޮޅަށް ނުކުންނަ އިނގިރޭސި ވިލާތަކީ ކަނޑުފޭރޭ ބައެއް ކަމަށް އާޖެންޓީނާގެ ނައިބު ރައީސް ވިކްޓޯރިއާ ވިލަރުއެލް ވިދާޅުވެއްޖެއެވެ.

 

އާޖެންޓީނާގެ ނައިބު ރައީސް ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ގައުމުން ނުކުންނަން ޖެހިފައިވަނީ ކަނޑުފޭރޭ ބަޔަކާ ދެކޮޅަށް ކަމަށާއި އެއީ ހަމައެކަނި މެޗެއް ނޫން ކަމަށެވެ.

 

މި ފޯރިގަދަ މެޗަކީ ބައިނަލްއަގުވާމީ ފުޓުބޯޅައިގެ އެންމެ ފާހަގަކޮށްލެވޭ ދެ ވާދަވެރިންގެ ކުރިމަތިލުމެކެވެ. މި މެޗުން މޮޅުވެ، 1966 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ފައިނަލަށް ދިއުމަށް އިންގްލެންޑުން މަސައްކަތް ކުރަމުންދާއިރު، އާޖެންޓީނާ އިން ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން ތަށި ދިފާއުކުރުމަށެވެ.

 

މި ދެ ގައުމުގެ އޮންނަ ވާދަވެރިކަން ބޮޑުވެފައިވަނީ ދަނޑުން ބޭރުގައި ހިނގާފައިވާ ސިޔާސީ މައްސަލަތަކުގެ ސަބަބުންނެވެ. ޚާއްސަކޮށް 1982 ވަނަ އަހަރު ފޯކްލޭންޑް ހަނގުރާމައިގައި އިނގިރޭސިވިލާތާއި އާޖެންޓީނާގެ މެދުގައި ހިނގި 74 ދުވަހުގެ ކުރިމަތިލުންތަކުގައި އާޖެންޓީނާގެ 649 ސިފައިންނާއި، އިނގިރޭސިވިލާތުގެ 255 ސިފައިންގެ އިތުރުން ތިން މީހަކު ވަނީ މަރުވެފައެވެ. އާޖެންޓީނާގެ ނައިބު ރައީސްގެ ބައްޕައަކީ މި ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅެކެވެ.

 

އާޖެންޓީނާގައި ”ލަސް މަލްވީނަސް“ ގެ ނަމުން ނަންދެވިފައިވާ މި ރަށްތަކުގެ މިލްކުވެރިކަމާ މެދު މިހާރުވެސް ދެ ގައުމުގެ މެދުގައި ބޮޑެތި ދައުވާތަކާއި ޚިޔާލުތަފާތުވުންތައް އެބަހުއްޓެވެ. ބެލެވޭ ގޮތުގައި، އިނގިރޭސިންނަކީ ކަނޑުފޭރޭ ބައެއް ކަމަށް އާޖެންޓީނާގެ ނައިބު ރައީސް ސިފަ ކުރެއްވީ މި ސަބަބާ ހުރެއެވެ.

 

”އެއީ މަލްވިނާސް، އެއީ ޑިއޭގޯ، އެއީ ލިއޯގެ ފަހު ފަހަރު. އެއީ އިންވޭޑަރުން އެމީހުންގެ ޓްރެކްގައި ހުއްޓުވުން،“ އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މެރަޑޯނާ އާއި އާޖެންޓީނާގެ މިހާރުގެ ތަރި އަދި ކެޕްޓަން ލިއޮނަލް މެސީއަށް އިޝާރާތް ކުރައްވައި ނައިބު ރައީސް ވިދާޅުވިއެވެ.

 

”އާޖެންޓީނާ ކުރިއަށް، އަހަރުމެންގެ އެންމެ ފަހު ނޭވާއާ ހަމައަށް އަހަރެމެންގެ އެއްޗެއް ދައުވާ ކުރަމުން ގެންދާނަން،“

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!