ސްޕެއިންގެ ޤައުމީ ފުޓުބޯޅަ ޓީމުން ފީފާ ވާލްޑް ކަޕް 2026 ކާމިޔާބުކުރުމާ ގުޅިގެން، ސްޕެއިންގެ ރަސްގެފާނު ފެލީޕޭ 6 ވަނައަށާއި، ސްޕެއިންގެ ބޮޑުވަޒީރު ޕޭދްރޯ ސަންޗެސް ޕެރޭސް ކަސްތޭހޯންއަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
ސްޕެއިންގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުއްވި މެސެޖުތަކުގައި، ރައީސް ވަނީ، މި ކާމިޔާބީއަކީ ސްޕެއިންގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ހުނަރާއި، މަސައްކަތްތެރިކަމާއި، ކުޅިވަރުގެ މޮޅުކަން ދައްކުވައިދޭ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައިކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި ފުޓުބޯޅައަކީ ރާއްޖޭގައި ނުހަނު މަޤުބޫލު ކުޅިވަރެއްކަމަށާއި، ސްޕެއިން ޓީމަކީ ދިވެހިންގެ ގިނަ ބައެއްގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ ޓީމެއްކަން ފާހަގަކުރެއްވާފައިވާކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ހަމަމިއާއެކު، ސްޕެއިންގެ ކާމިޔާބީ، މުޅި ރާއްޖޭގައި ވަރަށް އުފަލާއެކު ފާހަގަކޮށްފައިވާކަމަށާއި، މިކަމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމާއި ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށްވެސް ރައީސް ވިދާޅުވިކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.
މީގެ އިތުރުން، ދިވެހިރާއްޖެއާއި ސްޕެއިނާ ދެމެދު އުފެދިފައިވާ ގާތް، އަދި ދެމެހެއްޓެނިވި ރަޙްމަތްތެރިކަމަށްޓަކައި ރައީސް ވަނީ ޝުކުރު އަދާކުރައްވާފައިކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމުގައި ސްޕެއިންގެ ފަތުރުވެރިންނާއި ބައިވެރިންގެ ފަރާތުން މެދުކެނޑުމެއްނެތި ލިބެމުންދާ އަގުހުރި އެހީތެރިކަން ފާހަގަކުރެއްވިކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.
އާދިއްތަ ދުވަހުގެ ރޭ ބޭއްވި ފައިނަލްގައި ސްޕެއިނުން ވޯލްޑް ކަޕްގެ ތަށި އުފުލާލީ 2022 ވަނަ އަހަރުގެ ޗެމްޕިއަން އާޖެންޓީނާ 1-0 އިން ބަލިކުރުމަށްފަހުއެވެ. މެޗުގައި ފެނުނު ހަމައެކަނި ލަނޑު ޖެހީ އިތުރު ގަޑީގެ ދެވަނަ ހާފުގައެވެ.



