ރާއްޖޭގެ ހުދުކޫޑި ގިނަވެ، ބޭސް ލާން ފަށައިފި
ދެންމެ | 22 ޖުލައި 2026

ރާއްޖޭގެ ހުދުކޫޑި ގިނަވެގެން ބޭސް ދޭން ފަށައިފިކަމަށް ދަނޑުވެރިކަމާއި ބެހޭ މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ އަތޮޅުތަކުގައި ހުރި ރުއްތަކުގައި ހުދުކޫޑި އެޅުމުގެ ސަބަބުން ރުއްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމުގެ ޝަކުވާތައް ލިބެމުންދާކަމަށެވެ. އެހެންކަމުން އެކަން ހައްލުކޮށްދިނުމަށް ޗައިނާ ސަރުކާރުގެ އެހީގައި ’މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް‘ ނަމުގައި ޕްރޮގްރާމެއް ހިންގަމުން އަންނަކަމަށެވެ.

އެ ޕްރޮގްރާމްގެ ދަށުން ކޮކޮނަޓް ހިސްޕިޑް ބީޓްލް ކޮންޓްރޯލުކުރުމަށް ގެނެސްފައިވާ ޔޭޖިއާޗިންގް (އެސެޓަމިޕްރިޑް + މޮނޯސަލްޓެޕް) ޕެސްޓިސައިޑު ޕަކެޓް ބޭނުންކޮށްގެން ހުދުކޫޑި ކޮންޓްރޯލުކުރުމުގެ ތަޖުރިބާތަކެއް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައިކޮށްފައިވާކަމަށް ދަނޑުވެރިކަމާއި ބެހޭ މިނިސްޓްރީން ބުނެއެވެ.

މިތަޖުރިބާތަކުގެ ނަތީޖާގެ އަލީގައި ހުދުކޫޑި ކޮންޓްރޯލުކުރުމަށްޓަކައި ހުރިހާ ކައުންސިލްތަކަށް ޕެސްޓިސައިޑު ހަވާލުކުރުމުގެ މަސައްކަތް ވަނީ ފަށައިފައިވާކަމަށްވެސް މިނިސްޓްރީން ބުނެއެވެ. މިގޮތުން، ރަށުގައި ހުރި ރުއްތަކުގެ އަދަދު ބަލާ ކޮންމެ ކައުންސިލަކަށްވެސް ޕެސްޓިސައިޑު ޕަކެޓް ހަވާލުކުރަން ނިންމާފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

މިޕްރޮގުރާމްގެ ދަށުން ޕެސްޓިސައިޑު ފުރަތަމަ ހަވާލުކުރީ ހއ. ބާރަށު ކައުންސިލާކަމަށާއި އެރަށުގައި ވަނީ ރުއްތަކަށް ޕެސްޓިސައިޑުލުމުގެ ޕްރޮގުރާމް ހިންގައިފައިކަމަށް މިނިސްޓްރީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!