ފުލުހުންނަށް އެކަލޭގެ ހައްޔަރުނުކުރެވި އުޅެނިކޮށް ދެވަނަ ފަހަރަށް އަޒީޒާ މިސްކިތަށް ހަމަލާދީ ފުޑާލައިފި
ދެންމެ | 22 ޖުލައި 2026

ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ އަޒީޒާ މިސްކިތުގެ ބިއްލޫރިތައް ތަލާލި މީހާ ފުލުހުންނަށް ހައްޔަރު ނުކުރެވި އުޅެނިކޮށް ދެވަނަ ފަހަރަށް ހަމަ އެމީހާ އެ މިސްކިތަށް މިރޭ ހަމަލާ ދީފިއެވެ.

 

ފުލުހުންވެސް ވަނީ އެމީހާ މިސްކިތަށް ހަމަލާދިންކަން ޔަގީންކޮށްދީފައެވެ. މިރޭ ދިން ހަމަލާތަކުގައި މިސްކިތުގެ މައި ދުރުގެ ބިއްލޫރިތައް ވަނީ ތަލާލާފައެވެ. ފުލުހުން ބުނީ މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް، ފުލުހުންނާއި ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރެވުނު މަސައްކަތުން މިހާރު ވަނީ މުޖުތަމައުން އެކަހެރިކުރެވިފައިވާ ކަމަށެވެ. އަދި އެ ފަރާތަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ކުރަމުންދާ ކަމަށްވެސް ބުންޏެވެ. ނަމަވެސް އެމީހާއަށް ފޯރުކޮށްދެނީ ކޮން ބާވަތެއްގެ އެހީއެއްކަމެއް ފުލުހުންނެއް ނުބުނެއެވެ.

 

 

މިސްކިތައް ގެއްލުންދިނުމާ ގުޅިގެން ވަގުތީގޮތުން މިސްކިތް ބަންދުކޮށް ސާފްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ..

 

ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަޒީޒާ މިސްކިތައް މިރޭ ހަމަލާ ދިން މީހާ އެކަންކޮށްފައިވަނީ މަގްރިބް ނަމާދަށްފަހުއެވެ. އެމީހާ ވަނީ މިމަހުގެ 22 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައިވެސް އަޒީޒާ މިސްކިތުގެ ބިއްލޫރިތައް ތަޅާލާފައެވެ. މިފަހަރު އެމީހާ އެކަން ކޮށްފައިވަނީ ފުލުހުން އޭނާ ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ.

 

 

ބިއްލޫރިގަނޑު ތަޅާލި ދޮރުފަތް ނަގާފައި.. 

 

އެމީހާއަކީ އެ މިސްކިތުގައި ނިދާ ހަދާ މީހެއްކަމަށް ވޮއިސްއަށް ވަނީ މައުލޫމާތު ލިބިފައެވެ. ރުޅިއައިސްގެން ބިއްލޫރިގަނޑު ތަޅާލާފައިވަނީ މިސްކިތުގައި ނިދާހަދަން ފުރުސަތު ނުލިބުމާއި މިސްކިތުގެ ފާހާނާ ދަންވަރުގަޑީގައި ބޭނުންނުކުރެވޭތީވެ އެކަމުގައި އައި ރުޅިންކަމަށް ބެލެވޭކަމަށް މިސްކިތައް އާއްމުކޮށް ގޮސް އުޅޭ މީހަކު ބުންޏެވެ.

 

ވޮއިސްއަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުނީ، އެމީހާ ވަނީ އެކި ފަހަރުމަތިން މިސްކިތައް ގެއްލުން ދިނުމުގެ އިތުރުން މިސްކިތުގެ މުއައްޒަފުންނާ މާރާމާރީވެސް ހިންގާފައެވެ.

 

ފުލުހުން ބުނީ އަޒީޒާ މިސްކިތައް ގެއްލުންދިން މައްސަލަތައް ވަކިވަކިން ބަލަމުން އަންނަކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!