ހޫޘީން، ސައުދީގެ ދެ ތެޔޮ ޓޭންކަރަކަށް ހަމަލާދީ ގޮއްވާލައިފި
ދެންމެ | 23 ޖުލައި 2026

ރަތް ކަނޑުން ދަތުރުކުރި ސައުދީ އަރަބިއްޔާގެ ދެ ތެޔޮ ޓޭންކަރަކަށް ހަމަލާދީފައިވާ ކަމަށް އީރާނާ ގުޅިފައިވާ ޔަމަނުގެ ހޫޘީން ބުނެފިއެވެ.

ސައުދީ އަރަބިއްޔާގެ ޓްރާންސްޕޯޓް ޖެނެރަލް އޮތޯރިޓީ، އެސްޕީއޭގެ ރަސްމީ މަސްދަރަކާ ހަވާލާދީ ސައުދީ ޕްރެސް އެޖެންސީން ބުނީ އެންސެލިއާ ކިޔާ ޓޭންކަރަކަށް ހަމަލާދީފައިވާ ކަމަށެވެ. އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަމަލާދިން ޓޭންކަރުގެ ހުރިހާ ފަޅުވެރިން ތިބީ ސަލާމަތުންނެވެ.

”މި ހަމަލާތަކަކީ ވިޔަފާރި އުޅަނދުތަކާއި އެ އުޅަނދުތަކުގެ ފަޅުވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ ބައިނަލްއަގްވާމީ ގާނޫނުތަކާއި މުއާހަދާތަކާ ޚިލާފު ކަމެއް،“ އެސްޕީއޭއިން ބުނެފައިވެއެވެ.

ސައުދީގެ ލައިލާ ކިޔާ ޓޭންކަރަކަށްވެސް ހަމަލާދީފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް އެ ހަމަލާގެ ތަފުސީލެއް އެސްޕީއޭއިން ހާމަކޮށްފައެއް ނުވެއެވެ.

މި ހަމަލާތައް ދީފައިވަނީ ގިނަ އަދަދެއްގެ ބެލިސްޓިކް އަދި ކްރޫޒް މިސައިލްގެ އިތުރުން ޑްރޯން ބޭނުންކޮށްގެންނެވެ.

ރަސްމީކޮށް އަންސާރުﷲގެ ނަމުން މަޝްހޫރު ހޫޘީން ވަނީ ރަތް ކަނޑުން ދަތުރުކުރި ގާތްގަނޑަކަށް ދިހަ ބޯޓު އަނބުރާ ފޮނުވާލައިފައެވެ.

ޓޭންކަރަކަށް ހަމަލާދީފައިވާކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށް އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) ސެންޓަރުންވެސް ވަނީ ބުނެފައެވެ.

ޔަމަނުގެ ސަރުކާރާއި ސައުދީ އިސްވެ އޮވެ އެ ޤައުމަށް ތާއީދުކުރާ ކޯލިޝަނަކާ ދެކޮޅަށް ދިހަ އަހަރަށް ވުރެ ގިނަ ދުވަހު ހަނގުރާމަކޮށްފައިވާ ޔަމަނުގެ ހޫޘީ ޖަމާޢަތުން ވަނީ ޖުލައި 20 ވަނަ ދުވަހު ސައުދީ އަރަބިއްޔާގެ ކަނޑުމަގުތައް ބަންދުކޮށްފައެވެ.

މިއީ އީރާނުގެ މަތިންދާބޯޓެއް ޖެއްސުން ހުއްޓުވުމަށް ޔަމަނުގެ ހޫޘީންގެ ކޮންޓްރޯލް އޮންނަ ސަނާ އެއާޕޯޓަށް ޔަމަނު ސަރުކާރުން ބޮން އެޅުމުން ހަތަރު އަހަރު ވަންދެން ހިނގި ހަމަނުޖެހުންތަކަށް ފަހު އަނެއްކާވެސް ހަމަނުޖެހުން ފެށުން ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

2014 ވަނަ އަހަރު ސަނާ އަތުލައިގަތް ހޫޘީން ބުނާ ގޮތުގައި ސައުދީގެ ވެރިން ވަނީ ގާތްގަނޑަކަށް 12 އަހަރު ވަންދެން އެ މީހުންގެ ބިމާއި ކަނޑާއި ވައިގެ ބަނދަރުތަކާއި އެއާޕޯޓުތައް ބަންދުކޮށް ވަސީލަތްތައް ފޭރިގަނެފައެވެ.

”ސައުދީންނަށް ހީވަނީ މި އިޤުތިޞާދީ ޤަތުލުޢާންމުގެ އުސޫލުތައް ބޭނުންކޮށްގެން ހޫޘީންނާ ދެކޮޅަށް ޢާންމު ޤަތުލުޢާންމެއް އުފެއްދިދާނެ ކަމަށް،“ ސަނާގައި ދިރިއުޅޭ ނޫސްވެރިއެއް ކަމަށްވާ ހުސައިން އަލް ބުޚައިތީ އަލް ޖަޒީރާއަށް ބުންޏެވެ.

ނަމަވެސް ޔަމަނުގެ ރައްޔިތުންނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ބުނާ ވާހަކަތައް ސައުދީން ދޮގުކޮށްފައިވާއިރު، އުރުދުންގެ ވެރިރަށް ޢައްމާނާއި ސަނާއާ ދެމެދު އުދުހުންތައް އަލުން ފެށުމަށް އުރުދުނުން ހުށަހެޅި ހުށަހެޅުމަށް ސައުދީން ދެކޮޅު ހަދާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގެ ސަބަބުން ހުރުމުޒު ކަނޑުއޮޅިން ބޯޓުފަހަރު ދަތުރުކުރުމަށް ދަތިވެފައިވާ ދަނޑިވަޅެއްގައި ސައުދީ އަރަބިއްޔާއިން އަންނަނީ ރަތް ކަނޑާއި ބާބް އަލް މަންދަބް ކަނޑުއޮޅިން ބަދަލު މަގުތަކުން ތެޔޮ ދަތުރުކުރުމަށް މަގުފަހިކޮށްދޭން މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެ މަގަށް މިހާރު ވަނީ ހޫޘީންގެ ނުރައްކާ ކުރިމަތިވެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!