އިސްރާއީލާއެކު ގުޅުން ގާއިމުނުކުރާނަމަ ސައުދީއާއެކު ވެފައިވާ ނިއުކްލިއާ އެއްބަސްވުން ކުރިއަށް ނުގެންދެވޭނެ: ޓްރަމްޕް
ދެންމެ | 24 ޖުލައި 2026

ސައުދީ އަރަބިއްޔާއާއެކު މަދަނީ ނިއުކްލިއާ ހަކަތައިގެ އެއްބަސްވުން ކުރިއަށް ގެންދެވޭނީ، އެ ގައުމުން އިސްރާއީލާއެކު ގުޅުން ގާއިމުކޮށް ’އަބްރަހަމް އެކޯޑްސް‘ ގައި ބައިވެރިވުމުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުނީ، ސައުދީއަށް ޔުރޭނިއަމް މުއްސަނދިކުރުމާއި ނިއުކްލިއާ ރިއެކްޓަރުތައް ބިނާކުރުމަށް އެމެރިކާގެ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ހުއްދަ ދޭ އެއްބަސްވުން ތަންފީޒުވާނެ ހަމައެކަނި ގޮތަކީ އިސްރާއީލާއެކު ގުޅުން ގާއިމުކުރުމުން ކަމަށެވެ.

ނަމަވެސް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުނުކޮށް އިސްރާއީލާއެކު ގުޅުން ގާއިމުނުކުރާނެ ކަމަށް ސައުދީން މީގެ ކުރިން ވަނީ ބުނެފައެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް ބުނީ، ސައުދީން އަބްރަހަމް އެކޯޑްސްގައި ބައިވެރި ނުވާނަމަ މި އެއްބަސްވުން ބާތިލްވާނެ ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން ސައުދީގެ އިސްވެރިންނާ އެކު ކުރިއަށް އޮތް ތަނުގައިވެސް މަޝްވަރާ ކުރާނެ ކަމަށް އޭނާ ބުންޏެވެ.

އެމެރިކާއާއި ސައުދީން ބުދަ ދުވަހު އިއުލާންކުރި މި އެއްބަސްވުމުގެ ދަށުން، އދ. ގެ އިންސްޕެކްޝަންތަކާ ނުލައި އެމެރިކާގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ނިއުކްލިއާ ހަކަތަ އުފެއްދުމުގެ ފުރުސަތު ސައުދީއަށް ލިބިގެންދާނެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ވަނީ ޓްރަމްޕްގެ މި ނިންމުމަށް މަރުހަބާ ކިޔާފައެވެ. ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ސައުދީ އަރަބިއްޔާއިން އަބްރަހަމް އެކޯޑްސްގައި ބައިވެރިވުމަކީ މެދުއިރުމަތީގެ ސުލްހައަށް ލިބޭނެ ތާރީޚީ ކުރިއެރުމެއް ކަމަށެވެ.

މި އެއްބަސްވުން ތަންފީޒުވުމުގެ ކުރިން އެމެރިކާގެ ކޮންގްރެސްއިން 90 ދުވަހުގެ މުއްދަތަކަށް އެއްބަސްވުން މުރާޖައާ ކުރާނެއެވެ. އަދި ޔުރޭނިއަމް މުއްސަނދިކުރުމާ ގުޅޭގޮތުން ދެ އަހަރު ދުވަހުގެ ދިރާސާއެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިކަމާ ގުޅޭގޮތުން ވޮޝިންޓަންގައި ހުންނަ ސައުދީ އެމްބަސީން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ސައުދީން މީގެ ކުރިން ބުނެފައިވަނީ މި އެއްބަސްވުމަކީ ހަކަތައިގެ ވަސީލަތްތައް އިތުރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!