ކޮންމެ މީހަކީ މަސްއޫލިއްޔަތު ތަކެއް ހަވާލުވެފައިވާ މީހެއް ކަމަށާ، އެ މީހުން އެ މަސްއޫލިއްޔަތު އަދާކުރި ގޮތާމެދު ޤިޔާމަތްދުވަހުން ސުވާލުކުރެވޭނެކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުމުގެ މައްޗަށް އަލިއަޅުވާލައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނެފައިވާ ގޮތުގައި، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ދެމެހެއްޓުމަކީ ދީނީ އަދި ޤައުމީ ވާޖިބެކެވެ. ޤައުމުގެ އެކުވެރިކަމަށް ބުރޫއަރާފާނެ ކޮންމެ ކަމަކުން މުޖުތަމަޢު ސަލާމަތްކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ.
ރަސޫލު الله ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (كُلُّكُمْ رَاعٍ وَكُلُّكُمْ مَسْؤُوْلٌ عَنْ رَعِيَّتِهِ، اَلْإِمَامُ رَاعٍ وَمَسْؤُوْلٌ عَنْ رَعِيَّتِهِ، وَالرَّجُلُ رَاعٍ فِيْ أَهْلِهِ، وَهُوَ مَسْؤُوْلٌ عَنْ رَعِيَّتِهِ، وَالْمَرْأَةُ رَاعِيَةٌ فِي بَيْتِ زَوْجِهَا، وَمَسْؤُوْلَةٌ عَنْ رَعِيَّتِهَا، وَالْخَادِمُ رَاعٍ فِيْ مَالِ سَيِّدِهِ، ومَسْؤُوْلٌ عَنْ رَعِيَّتِهِ) މާނައީ: ”ތިޔަބައިމީހުން ކުރެ ކޮންމެ މީހަކީ ބެލެހެއްޓުންތެރިއެކެވެ. އަދި އޭނާގެ ބެލެހެއްޓުމުގެ ދަށުގައިވާ ބަޔަކާ މެދު އޭނާއާ ސުވާލުވެވޭނެތެވެ. ވެރިމީހާއަކީ ބެލެހެއްޓުންތެރިއެކެވެ. އޭނާގެ ރައްޔިތުންނާ މެދު އޭނާއާ ސުވާލުވެވޭނެއެވެ. ފިރިމީހާއަކީ އޭނާގެ އަހުލުވެރީންގެ ބެލެހެއްޓުންތެރިޔާއެވެ. އޭނާގެ އަހުލުވެރީންނާ މެދު އޭނާއާ ސުވާލުވެވޭނެއެވެ. އަނބިމީހާއަކީ އޭނާގެ ފިރިމީހާގެ ގޭގެ ބެލެހެއްޓުންތެރިޔާއެވެ. އޭނާގެ ޢާއިލާއާ މެދު އޭނާއާ ސުވާލުވެވޭނެއެވެ. ޚާދިމަކީ އޭނާގެ ސާހިބާގެ މުދާ ބަލަހައްޓާ މީހާއެވެ. އޭނާގެ ސާހިބާގެ މުދަލާ މެދު އޭނާއާ ސުވާލުވެވޭނެއެވެ.“
މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން ޚުތުބާގައި ބުނީ، ކޮންމެ މީހަކީ ވެސް މި ދުނިޔޭގައި ކުރި ކަންތައްތަކާ މެދު މާތް اللهގެ ޙަޟުރަތުގައި ޖަވާބުދާރީވާން ޖެހޭނެ މީހެއް ކަމަށެވެ. ވަކީން ޚާއްޞަކޮށް، ދައުލަތުގެ އެކި ފެންވަރުގެ މަސްއޫލިއްޔަތުތަކާ ޙަވާލުވެތިބޭ މީހުން އެބައިމީހުންގެ ޢަހުދުތަކާއި ވަޒީފާތައް އަދާކުރި ގޮތާ މެދު ވަކިވަކީން ސުވާލުވެވޭނެއެވެ. އެހެންކަމުން، މަސްއޫލިއްޔަތު އުފުލުމުގައި އިހުމާލުވެއްޖެ ނަމަ، އޭގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށާއި، ޤިޔާމަތްދުވަހަކީ މުދަލާއި ދަރިންގެ ފަރާތުން އެއްވެސް މަންފާއެއް ލިބޭނެ ދުވަހެއް ނޫން ކަމަށް ޚުތުބާގައި ހަނދާންކޮށްދިނެވެ.
އަދި ޤިޔާމަތްދުވަހުން އަޅާގެ ޢުމުރާއި، ޢިލްމާއި، މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާއި، ހަށިގަނޑުގެ ހަކަތަ ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެކަން ރަސޫލާގެ ޙަދީޘުން ވަނީ ބަޔާންކޮށްފައެވެ.
ރަސޫލު الله ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (لَا تَزُوْلُ قَدَمَا عَبْدٍ يَوْمَ الْقِيَامَةِ حَتَّى يُسْأَلَ عَنْ عُمُرِهِ فِيْمَ أَفْنَاهُ، وَعَنْ عِلْمِهِ فِيْمَ فَعَلَ فِيْهِ، وَعَنْ مَالِهِ مِنْ أَيْنَ اكْتَسَبَهُ، وَ فِيْمَ أَنْفَقَهُ، وَعَنْ جِسْمِهِ فِيْمَ أَبْلَاهُ) މާނައީ: ”ޤިޔާމަތް ދުވަހުން މަޙުޝަރުބިމުގައި، އަޅާގެ ޢުމުރު ހޭދަކުރީ ކޮންކަމެއްގައިތޯއާއި، އޭނާގެ ޢިލްމަށް ޢަމަލުކުރީ ކިހިނެއްތޯއާއި، އޭނާ މުދާ ހޯދީ ކޮންފަދަ ގޮތަކުންތޯއާއި، އެ މުދާ ހޭދަކުރީ ކިހިނެއްތޯއާއި، އޭނާ ހަށިގަނޑުގެ ހަކަތަ ހޭދަކުރީ ކޮންކަމެއްގައިތޯ ސުވާލުވެވޭންދެން އޭނާގެ ފައިތިލައި ހުރިތަނުން ގުޑުވައި ވެސް ނުލެވޭނެއެވެ.“
އިސްލާމީ މުޖުތަމަޢެއްގެ ބިންގަލަކީ ޢަދުލުއިންޞާފުކަން ފާހަގަކުރަމުން ޚުތުބާގައި ބުނީ، ޢަދުލުއިންޞާފުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބައެއް ކަމަށެވެ. ކުށެއް ކޮށްފި ނަމަ ކޮންމެ މީހަކަށް ވެސް ޙައްޤު އަދަބު ލިބެންޖެހޭނެ ކަމަށް ބުނެ، ރަސޫލު الله صلى الله عليه وسلم ގެ ދަރިކަނބަލުން ފާޠިމަތުގެފާނު ވައްކަމެއް ކުރެއްވި ކަމުގައި ވިޔަސް އަތްޕުޅު ކަނޑުއްވާނެ ކަމަށް ޙަދީޘްކުރެއްވި ހާދިސާ ޚުތުބާގައި ހިމަނާފައިވެއެވެ.
ޚުތުބާ ނިންމާލަމުން ވަނީ، އަދާކުރާ ވަޒީފާއަކީ އަމާނާތެއް ކަމުގައި ދެކި، ތެދުވެރިކަމާއި އިޚުލާޞްތެރިކަމާ އެކު މަސްއޫލިއްޔަތު އަދާކުރުމަށް ގޮވާލާފައެވެ. އަދި އަމިއްލަ ފައިދާއަށް ވުރެ މުޖުތަމަޢުގެ މަޞްލަޙަތަށް އިސްކަންދިނުމަކީ ފުރިހަމަ މުސްލިމުންގެ ސިފައެއް ކަމަށާއި، الله އަށާއި ރަސޫލާއަށް އަދި އަމާނާތްތަކަށް ޚިޔާނާތްތެރިނުވުމަށް ހުރިހައި ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.



