އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ގަދަފަދަ ހަމަލާތަކެއްދީ ގިއްގަޅުވާލައިފި
ދެންމެ | 30 ޖުލައި 2026

އީރާނުގެ ސިޓީތަކަށް އެމެރިކާ ސިފައިން ރޭގައި ދިން އުދުވާނީ ހަމަލާތަކުގެ ރައްދުގައި އީރާނުން އެމެރިކާގެ ބޭސްތަކަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދީފިއެވެ.

އީރާނުން ދިން ރައްދު ހަމަލާތައް މައިގަނޑުގޮތެއްގައި އަމާޒުކުރީ އުރުދުންގައި އެމެރިކާ ސިފައިން ތިބޭ ތަންތަނަށެވެ.

އީރާނު މީޑިއާއިން ބުނެފައިވަނީ އެންމެ ގިނަ މިސައިލްތައް ފޮނުވާލީ މުވައްފާގް ސަލްތީ އެއަރބޭހަށް ކަމަށެވެ. އެ ތަނަކީ، އީރާނުން މީގެކުރިން ހަމަލާދީ އެމެރިކާ ސިފައިންގެ ތިންމީހުން މަރާލި ބޭހެވެ.

އުރުދުންގެ މުވައްފާގް ސަލްތީ އެއަރބޭހަކީ އެމެރިކާ ސިފައިން ބޭނުންކުރާ ވަރަށް މުހިންމު ބޭހެކެވެ.

އުރުދުންގެ އަސްކަރިއްޔާއިން ބުނެފައިވަނީ، އީރާނުން ފޮނުވާލި ބެލިސްޓިކް މިސައިލްތަކުގެ ތެރެއިން 5 މިސައިލް އުރުދުންގެ އެއަރ ޑިފެންސް ސިސްޓަމްތަކުން ވައްޓާލި ކަމަށެވެ.

ކުވައިތުގައި އެމެރިކާ ސިފައިން ތިބޭ ތަންތަނަށްވެސް އީރާނުން ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައި ވެއެވެ.

މީގެއިތުރުން، އިރާގުގެ އުތުރުގައި އެމެރިކާ ސިފައިން ތިބޭ އަރްބީލް ސަރަހައްދުންވެސް ބާރުގަދަ ގޮވުންތައް ގޮވާފައިވާ ކަމަށް އީރާނު މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ.

އުރުދުންގެ އެއަރ ބޭހަށާއި، ކުވައިތަށާއި އަދި އިރާގުގެ އަރްބީލްއަށް އީރާނުން ހަމަލާތަކެއް ދިން ނަމަވެސް، އީރާނުގެ އިންގިލާބީ ލަޝްކަރުން ބުނެފައިވަނީ އެމެރިކާއިން ހިންގި އުދުވާނުތަކަށް ބަދަލުހިފުން މިއަދު ކުރިއަށް އޮތީ ކަމަށެވެ.

ދުޝްމަން އެމެރިކާގެ ތަންތަނަށް މިއަދު ވޭންދެވިނިވި ރައްދު ހަމަލާތަކެއް ދޭނޭ ކަމަށް އިންގިލާބީ ލަޝްކަރުން ވައުދުވެފައި ވެއެވެ.

އެމެރިކާ ސިފައިން ރޭގައި ދިން ވަރުގަދަ ވައިގެ ހަމަލާތައް އަމާޒުކޮށްފައިވަނީ އީރާނުގެ ދެކުނުގެ ރަށްތައް ކަމަށްވާ ބަންދަރު އައްބާސް، ކީޝް އައިލެންޑް، ބުޝެހްރް، އަބަދާން، ގޭޝްމް އައިލެންޑް އަދި އަހްވާޒަށެވެ. އެ ރަށްތަކުގެ އެތައް ހިސާބަތަކަށް ހަމަލާ ދީފައި ވެއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފައިވަނީ، ސިފައިން ހަމަލާތައް ދިނީ އިންގިލާބީ ލަޝްކަރުގެ ކޮމާންޑް ސެންޓަރުތަކާއި، މިސައިލް އަދި ޑްރޯން ސައިޓްތަކާއި، އައްސޭރިފަށުގެ ސަރވެއިލަންސް އަދި ޑިފެންސް ސައިޓްތަކަށް ކަމަށެވެ.

އެކަމަކު، ގޭޝްމް އައިލެންޑްގައި އާންމުން ދިރިއުޅޭ އިމާރާތަކަށް އެމެރިކާ ސިފައިން ހަމަލާ ދިނުމުގެ ސަބަބުން ދެމަފިރިއަކާއި، ތުއްތު ކުއްޖަކު މަރުވެފައިވާ ކަމަށާއި، އެ އާއިލާގެ އިތުރު ދެކުދިން ޔަތީމުވެފައިވާ ކަމަށް، އީރާނު ސަރުކާރުގެ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!